ތުރުކީވިލާތުގެ ވެރިކަމުގެ އިތުރު ދައުރެއް މިހާރު ފަށާފައިވާ ޠައްޔިބު އުރުދޮޣާން ތުރުކީވިލާތުގެ އިޤުތިޞާދު ރަނގަޅު ކުރުމަށް އަނެއްކާވެސް މުހިއްމު ފިޔަވަޅެއް އަޅައިފިއެވެ. މިފަހަރު ތުރުކީވިލާތުގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރުގެ މަގާމަށް ވަނީ ހަފީޒީ ގަޔޭ އެރްކަން ވަނީ އައްޔަން ކުރައްވާފައެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ތުރުކީވިލާތުގެ އިގުތިޞާދަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިއްމު ފިޔަވަޅެކެވެ. މިއީ ތުރުކީވިލާތުގެ ސެންޓްރަލް ބޭންކްގެ ގަވަރުނަރު ކަމަށް އަންހެން ބޭކަނބަލަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

ހަފީޒީ އަކީ ބޭންކިން ދާއިރާގެ ތަޖުރިބާކާރެކެވެ. އޭނާ ވަނީ މީގެ ކުރިން ދުނިޔޭގެ އެއްވަނަ އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ގޯލްޑްމަން ސަޗްގެ މެނޭޖިން ޑިރެކްޓަރުކަމާއި ފަސްޓް ރިޕަބްލިކް ބޭންކްގެ ކޯ-ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ.

އުރުދޮޣާން އިތުރު ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ފިނޭންސް މިނިސްޓަރު ކަމަށް ވެސް އައްޔަން ކުރެއްވީ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މެހްމެތު ސިމްސެކް އެވެ.

މީގެ ކުރިން ވެސް އުރުދުޣާންގެ ސަރުކާރުތަކުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ސިމްސެކް އަށް އުރުދުޣާން މި ފަހަރު ވަނީ ބޮޑެތި ބާރުތަކެއް ދެއްވައިފަ އެވެ. އޭނާ އަށް ފިނޭންސް މިނިސްޓްރީގެ އިތުރުން ޓްރެޝަރީއާ ގުޅޭ މަސައްކަތްތައް ވެސް ހަވާލުކުރެއްވި އެވެ. ބައިނަލްއަގްވާމީ މާލީ އިދާރާއެއްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމުން މިދިޔަ ދެ ތިން އަހަރު އޭނާ ހުންނެވީ ސިޔާސީ ކަންތަކާ ދުރުގަ އެވެ.

އުރުދޮޣާން މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބަށް ނިކުތްއިރު އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވެސް ތުރުކީވިލާތުގެ އިގުތިޞާދީ ހާލަތެވެ. އިންތިހާބު ކާމިޔާބުކޮށް އުރުދޮޣާން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ތުރުކީވިލާތުގެ އިޤުތިޞާދީ މައްސަލަތައް ދާދި އަވަހަށް ހަމައަކަށް އެޅި، އެގައުމުގެ އިޤުތިޞާދު އެތައް ގުނައެއް ރަނގަޅު ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.