އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސްގެ އިސް އޮފިޝަލް އަދި އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕޮލިސީ އެޑްވައިޒަރ، ސްޓެފަން މިލާ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިކަން ހާމަކޮށް މިލާ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 ގެ ޖެހިފައިވާ މީހަކާއި ބައްދަލުވެފައިވާތީ އޭނާ އައިސޮލޭޝަންގައި ހުންނަވާތާ ފަސް ވަރަކަށް ދުވަސް ވެދާނެ ކަމަށެވެ. މިގޮތުން އިއްޔެ އާއި ހަމައަށް ކޮންމެ ދުވަހަކު ނަގަމުން އައި ސުންކުގެ ނަތީޖާ ނައްސިވެފައި ވެފައި ވާއިރު، އިއްޔެ ނެގި ސުންކުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން މިލާ މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. މި މި ބައްޔަށް ފައްސިވީ ނަމަވެސް ބަލީގެ އަލާމާތްތައް އަދި ނުފެންނަ ކަމަށާއި، ހާލު ގޯސް ނޫން ކަމަށް މިލާ ބުނެފައި ވެއެވެ.

ސްޓެފަން މިލާ ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ޓްރަމްޕްވެސް އަންނަނީ މި ބައްޔަށް ފައްސިވެގެން ފަރުވާ ހޯދަމުންނެވެ. ޓްރަމްޕް އަށް ކޮވިޑް-19 ޖެހިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެދުވަހު އޭނާއާއެކު އޭނާގެ އަނބިމީހާވެސް މި ބައްޔަށް ފައްސިވެފައި ވެއެވެ. މީގެ އިތުރުން ވައިޓް ހައުސްގެ އިތުރު ބައެއް މުވައްޒަފުންވެސް ވަނީ ފައްސިވެފައެވެ.

މިލާ ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭނާ އަކީ ޓްރަމްޕް އާއެކު ފާއިތުވެދިޔަ ދުވަސްތަކުގައި ދަތުރުކޮށްފައިވާ ބޭފުޅެކެވެ. އަދި މިދިޔަ ހަފްތާގައި ކުރިޔަށްދިޔަ އެޤައުމުގެ ރިޔާސީ ބަހުސަސް ޓްރަމްޕް ތައްޔާރު ކުރުމުގައި ވެސް އުޅުއްވި ކަމަށް ނޫސްތަކުން ބުނެއެވެ.

މިލާގެ އަނބިކަނބަލުން، ކެޓީ މިލާ އަކީ އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ ކޮމިއުނިކޭޝަން ޑިރެކްޓަރެވެ. ކެޓީ ވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސިފައި ވާއިރު އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަލިން ރަނގަޅުވެފައިވާކަން ހާމަކުރައްވާފައެވެ.