އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި މަސައްކަތްކުރާ 34 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަސްދަރުތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ މި މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފައްސިވުމާއި ގުޅިގެން މިހާރު މުވައްޒަފުންގެ ޓެސްޓުކުރުން ކުރިޔަށް ގެންދާ ދަނޑިވަޅެއްގައެވެ.

މިހާތަނަށް ވައިޓް ހައުސް އިން ފައްސިވި މުވައްޒަފުންގެ އަދަދު 34 އަށް އަރާފައި ވާއިރު، އެ މުވައްޒަފުންގެ ފަރާތުން މުޖުތަމަޢުގެ ތެރެއިން ވެސް ބަލީގެ އިތުރު ވޭދަނަތައް ފެންމަތިވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

މީގެ ކުރިން އޮފިޝަލުން ބުނެފައިވަނީ ވައިޓް ހައުސް އިން ފައްސިވީ 24 މުވައްޒަފުން ކަމަށެވެ.

ޓްރަމްޕް އާއި ވައިޓް ހައުސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ފައްސިވެފައި މިވަނީ، މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އުސޫލުތަކަށް އެފަރާތްތަކުން ބޯލަނބަމުން ނުދާކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޚާއްސަކޮށް ޓްރަމްޕް އަކީ ރައްކާތެރިކަމުގެ އުސޫލުތަކަށް ގޮންޖަހައި، މާސްކު އެޅުންފަދަ ކަންކަމަށްވެސް ދެކޮޅު ހަދަމުން ދިޔަ މީހެކެވެ.

ކޮވިޑް-19 އަށް ޓްރަމްޕް ފައްސިވެފައި ވަނީ ވެސް ވައިޓް ހައުސްގެ މުވައްޒަފެއްގެ ފަރާތުންނެވެ. އޭނާ މި ބައްޔަށް ފައްސިވެފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭގެ އެއްދުވަސް ފަހުން ހާލު ދެރަވެގެން އޭނާ ހޮސްޕިޓަލަށް ވެސް ބަދަލު ކުރެވުނެވެ.

ފަރުވާއަށްފަހު މީގެ ދެ ދުވަސްކުރިން ޓްރަމްޕް ހޮސްޕިޓަލުން ދޫކޮށްލުމާއެކު އޭނާ ވަނީ މީޑިއާތަކުގެ ކުރިމަތީގައި އޭނާ އަޅައިގެން ހުރި މާސްކު ނަގާލާފައެވެ. ކޮވިޑް-19 އިން ރަނގަޅު ނުވަނީސް ޓްރަމްޕްގެ ފަރާތުން މިފަދަ ކަމެއް ފެނުމުން އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ވައިޓް ހައުސް ގައި ކޮވިޑް-19 ފެތުރިފައިވާ މި ދަނޑިވަޅުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ގައިދުރުކަމެއް ނެތި މަސައްކަތް ކުރަމުންދާކަން މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވެއެވެ. ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލުން ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެމެރިކާއަކީ ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަސް ޖުމްލަ 7.7 މިލިއަން މީހުން މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެތެރެއިން 216,000 މީހަކު ވަނީ މަރުވެފައެވެ.