އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު ޖެން ސާކީ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ޖެން ސާކީ އަންނަ ހަތްފާގައި މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރުމާއި އެކީ އެގައުމުގެ ސަރުކާރުން ވަނީ އާ ތަރުޖަމާނަކަށް ކަރީން ޖީން-ޕިއާ އައްޔަން ކުރާނެކަން ހާމަ ކޮށްފައެވެ.

ޖީން-ޕިއާ މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ޖެން ސާކީގެ އެހިތެރިއެއްގެ ގޮތުގައެވެ. އޭނާ މަގާމާއި ހަވާލުވަނީ ޖޯ ބައިޑަންގެ އަމުރުފުޅަކަށް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާންގެ މަގާމަށް ކަރީން ޕްރޮމޯޓް ކުރެއްވުމުން އޭނާގެ ނަން ތާރީޚްގައި ލިޔެވިގެން ދާނީ އެމެރިކާގެ ކަޅު ނަސްލުން އެމަގާމަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެނާގެ ގޮތުގައެވެ.

"ވައިޓް ހައުސްގެ ތަރުޖަމާނުގެ މަގާމު ކެރިން ޖީން-ޕިއާ އަދާކުރައްވާނެކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު އިއުލާން ކުރަން،" ބައިޑަން ވިދާޅުވިއެވެ.

ޖީން-ޕިއާ މަގާމާއި ހަވާލުވާކަމާއި ބެހޭ ގޮތުން ސާކީ ބުނެފައިވަނީ އޭނާއަކީ އެކަމަށް ޝައުގުހުރި މޮޅު މީހެއް ކަމަށާއި އޭނާއާއި އެކީ މަސައްކަތް ކުރަން ރަނގަޅު ޓީމެއް އުފެއްދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ވައިޓްހައުސްގެ ތަރުޖަމާނުކަމުން ސާކީ އިސްތިއުފާ ދެއްވަން ނިންމި ސަބަބު އަދި ހާމަ ނުކުރި ނަމަވެސް މީގެ ކުރިން ވެސް އޭނާ ވަނީ މަގާމު ދޫކުރައްވާނެކަން ރަސްމީ ފަރާތްތަކަށް އަންގާފައެވެ.