މުސްލިމުންގެ އެންމެ މުގައްދަސް ހަރަމުގައި އާންމުކޮށް ނަމާދު ކުރުމުގެ ހުއްދަ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދީފިއެވެ.

މަސްޖިދުލް ހަރަމްގައި އާންމުކޮށް ނަމާދުކުރުން މެދުކަނޑާލީ މުޅި ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަސް ކޮވިޑް-19 އާ ގުޅިގެންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް ސައުދީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާ އިރު، މިހާރު ވަނީ މަސްޖިދުލް ހަރަމުގައި އާންމުކޮށް ނަމާދުކުރުމުގެ ފުރުސަތުވެސް އެ ސަރުކާރުން ހުޅުވާލައިފައެވެ.

ހަރްމާނިއަންގެ ރަސްމީ ޓްވީޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، ސައުދީ ސަރުކާރުން މިއަދު ފަތިސް ނަމާދުން ފެށިގެން މަސްޖިދުލް ހަރަމުގައި ނަމާދުކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިއަދުގެ ފަތިސް ނަމާދު އެ މާތް ބިމުގައި ކޮށްފައި ވަނީ ދުވަސްތަކެއް ވަންދެއް މަސްޖިދުލް ހަރަމުގައި ނަމާދުކުރުން މެދުކަނޑާލާފައި އޮތުމަށް ފަހުކަމަށް އެ ޓްވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

މައްކާގެ މަސްޖިދުލް ހަރަމް އާއި، މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް ނަބަވީގައި ނަމާދުކުރުން ހުއްޓާލާފައި ވަނީ މީގެ ހަތް މަސް ކުރިން މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. ކުރިން ސައުދީން އޮތީ އެ ދެ މިސްކިތް ފިޔަވާ އެހެން ހުރިހާ މިސްކިތެއްގައި ނަމާދު ނުކުރެވޭ ގޮތަށް މަނާކޮށްފައެވެ. ނަމަވެސް އެ މިސްކިތްތަކުގައި ބަންގި ގޮވައެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން މި ފިޔަވަޅުތައް އަޅަން އެޅީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު