ނެޓްފްލިކްސް އިން މުޅި އިންޑިއާއަށް 48 ގަޑިއިރު، ހިލޭ ހިދުމަތް ދޭން ނިންމައިފިއެވެ.

"ސްޓްރީމް ފެސްޓް" އިވެންޓްގެ ދަށުން ހިލޭ ނެޓްފްލިކްސް ބޭނުން ކުރެވޭނީ ޑިސެމްބަރު މަހުގެ 4 އިން ފެށިގެން 5 ވަނަ ދުވަހުގެ މުއްދަތަކށެވެ. އެ މުއްދަތުގެ ތެރޭގައި ނެޓްފްލިކްސްގެ ފިލްމްތަކާއި ސީރީޒްތައް ހިލޭ މުޅި އިންޑިއާއަށް ބެލޭނެއެވެ.

އެގޮތުން މިހާތަނަށް ނެޓްފްލިކްސް ބޭނުން ނުކުރާ ފަރާތްތަކަށްވެސް ނެޓްފްލިކްސް ބޭނުން ކުރެވޭނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. މި 48 ގަޑިއިރު އެފަރާތްތަކަށް ނެޓްފްލިކްސް ބޭނުން ކުރުމަށް އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށްވެސް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.

ނެޓްފްލިކްސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ގްރެގް ޕީޓާސް ވިދާޅުވެފައިވާ ގޮތުގައި ސްޓްރީމް ފެސްޓް ނަމަކަށް ކިޔާ މި ހަރަކާތް ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި އެކަނި ކަމަށާއި އެހެން ނަމަވެސް އެހެން ގައުމުތަކުގައިވެސް އެފަދަ އިވެންޓެއް ބާއްވާނެ ކަމަށެވެ.

ނެޓްފްލިކްސް އިން ބުނީ، އެގޮތަށް އިވެންޓްތައް ބޭއްވުމުގެ ބޭނުމަކީ އެޕްލިކޭޝަން ބޭނުން ކުރާ މީހުންގެ އިންސައްތަ އިތުރު ކުރުން ކަމަށެވެ.

އެފަދަ ގޮތަށް އިވެންޓްތައް ބޭއްވުމުން އިތުރު މީހުންގެ ހިތްތައްވެސް އެކަމަށް ދަމައިގަނެވޭނެ ކަމަށްވެސް ބުންޏެވެ.