ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް، ޕޮލޭންޑުގެ ރައީސް އެންދްރޭ ދޫދާ ފައްސިވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ ޕޮލޭންޑުގެ ބޮޑުވަޒީރު ބްލާޒޭ ސްޕައިޗާލްސްކީ އެވެ. ސްޕައިޗާލްސްކީ ވިދާޅުވީ ރައީސް އެންދްރޭ ކޮވިޑް-19 އަށް ފައްސިވީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

ހަމަ އެހެންމެ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރައީސް އެންދްރޭއަށް ފަރުވާދޭން ފަށާފައިވާ ކަމަށްވެސް ސްޕައިޗާލްސްކީ ވިދާޅުވިއެވެ.

ޕޮލޭންޑުގެ ރައީސް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެޤައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ އިއްޔެ ރެކޯޑް އަދަދަކަށް މީހުން ފައްސިވެފައި ވަނިކޮށެވެ. އެޤައުމުގެ އިދާރާތަކުން ބުނެފައި ވަނީ އިއްޔެ އެކަނިވެސް އިތުރު 13600 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވިކަމަށް ރެކޯޑް ކުރެވުނު ފަހަރެވެ.

ދުނިޔެއިން 30 ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޕޮލޭންޑަކީ މިވަގުތު އެންމެ ނުރައްކާ ބޮޑުވަމުން އަންނަ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 241,946 މީހަކު ފައްސިވެފައި ވެއެވެ. އޭގެތެރެއިން އިއްޔެ އިތުރު 179 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 4,351 މީހަކު ވަނީ މަރުވެފައެވެ.

ޕޮލޭންޑަށް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން އަންނާތީ އެޤައުމުގެ ސަރުކާރުން ވަނީ ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅަން ނިންމާފައެވެ. އަދި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ސަރަޙައްދުތައް ފާހަގަކޮށް "ރެޑް ޒޯން" ވެސް ވަނީ ކަނޑައަޅާފައެވެ.

ޕޮލޭންޑުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ކާބޯތަކެތި ޑެލިވަރީކުރާ ތަންތަން ފިޔަވައި އެޤައުމުގެ ކެފޭ ރެސްޓޯރެންޓުތައް ވެސް ވަނީ ހުޅުވުން މަނާކޮށްފައެވެ. އަދި ސްކޫލްތަކާއި ތަޢުލީމުދޭ އެހެން ތަންތަންވެސް ހިންގުން ވަނީ ހުއްޓުވާފައެވެ.