އަފްޣާނިސްތާނުގެ ވެރިކަންކުރާ ކާބުލްގައި ދިން ޖާނުންފިދާވުމުގެ ވަރުގަދަ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެ އެވެ.

ނޫސްތައް ބުނާގޮތުން އިއްޔެގެ ވަގުތެއްގައި ދިން މި ހަމަލާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 18 އަށް އަރައެވެ. މި ހަމަލާ ދީފައިވަނީ ކާބުލްގެ އެޑިއުކޭޝަން ސެންޓަރެއްގެ ކައިރީގައެވެ. މި ހަމަލާ ދީފައި މިވަނީ، އަފްޣާނިސްތާނުގެ ސަރުކާރުން، އެޤައުމުގައި ހަރަކާތްތެރިވާ ތާލިބާން ހަނގުރާމަވެރިންނާއެކު ސުލްޙަ ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި ހަމަލާ ދީފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާޢަތުގެ ގޮފި، ދައޭޝްގެ ހަނގުރާމަވެރިންނެވެ. އެ ޖަމާޢަތުން ވަނީ ހަމަލާ ދިންތާ މާގިނައިރެއް ނުވެ އެކަމުގެ ޒިންމާ އުފުލާފައެވެ.

އިއްޔެ އަފްޣާނިސްތާނުގައި ދިން ޖާނުންފިދާވުމުގެ ވަރުގަދަ ހަމަލާގައި 18 މީހަކު މަރުވުމުގެ އިތުރުން 57 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މި ހަމަލާ ދީފައި ވަނީ ހަމަލާދިން ސަރަޙައްދުގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބައި ކަމަށް ނޫސްތައް ބުނެއެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ވިދާޅުވީ، ހަމަލާދިން މީހާ މަސައްކަތްކޮށްފައި ވަނީ ކާބުލްގެ އެޑިއުކޭޝަން ސެންޓަރުގެ ތެރެއަށް ވަދެ ހަމަލާ ދިނުމަށް ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެ ސެންޓަރުގެ ބޭރުގައި ހުރެ، އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ގޮވާތަކެތި ގޮއްވާލީ ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާގައި ހިނގި ބާރުގަދަ ގޮވުމުގެ އަސަރު އެ ސަރަޙައްދުގައި ހުރި އިމާރާތްތަކަށްވެސް ކޮށްފައި ވެއެވެ. އަދި ހާދިސާ ހިނގި ސަރަޙައްދާއި 100 މީޓަރު ދުރުގައި ތިބި މީހުންނަށްވެސް ގޮވުމުގެ ސަބަބުން އަނިޔާވެފައިވާ ކަމަށް ވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާޢަތުން އަންނަނީ ފަހަކަށް އައިސް އެޤައުމުގެ އާންމު ސަރަޙައްދުތަކުގައި މިފަދަ ހަމަލާތައް އިތުރު ކުރަމުންނެވެ. ޚާއްސަ ގޮތެއްގައި ތަޢުލީމުދޭ މަރުކަޒުތަކަށް އެ ޖަމާޢަތުގެ ހަމަލާތައް އަމާޒުކުރުމަށް މަސައްކަތް ކުރެއެވެ.