ތުރުކީވިލާތުގެ ކުރީގެ ބޮޑުވަޒީރު މެޒާޓް ޔޯމޭޒް އަވަހާރަވެއްޖެއެވެ.

1980ގެ އަހަރުތަކުން ފެށިގެން 1990ގެ އަހަރުތަކުގެ ފަހުކޮޅާއި ހަމައަށް ތުރުކީވިލާތުގެ ސިޔާސީ މަސްރަހުގައި އެންމެ ފާހަގަ ކޮށްލެވުނު އެއްބޭފުޅާ ކަމަށްވާ ޔޯމޭޒް އުމުރުންފުޅުން 73 އަހަރުގައި މިއަދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯދަމުން އަންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ތުރުކީވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ޔޯމޭޒް އަވަހާރަވީ މެއި މަހުގެ 05 ވަނަ ދުވަހު ސިކުނޑިން ޓިއުމަރެއް ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހު ވެސް ހާލަތު ރަނގަޅުނުވެ އިސްތަންބޫލްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ޔޯމޭޒް އަވަހާރަވުމުން ތުރުކީގެ ރައީސް ޠައްތިބު އުރުދޮޣާން ވަނީ ޔޯމޭޒްގެ އާއިލާ އަށް ފޯނުން ގުޅުއްވާ ތައުޒިއާ ވިދާޅުވެފައެވެ. ޔޯމޭޒްގެ އާއިލާ އިން މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވީ ޔޯމޭޒްގެ ޖަނާޒާ އޮންނާނީ އަންނަ އާދީއްތަ ދުވަހު މަރުމަރާ ޔުނިވަސިޓީގެ ތިއޮލޮޖީ ފެކަލްޓީގައި ހުންނަ މިސްކިތުގައި ކަމަށެވެ.

ޔޯމޭޒް އަކީ ތުރުކީވިލާތުގެ ކަނާތުފިޔައިގެ ވަރުގަދަ ސިޔާސީ ޕާޓީއެއް ކަމަށްވާ "މަދަލޭންޑް ޕާޓީ" އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅާއެވެ. 1983 ވަނަ އަހަރު އާއްމު އިންތިޚާބުގައި ޔޯމޭޒްގެ ޕާޓީއަށް ލިބުނު ކާމިޔާބާއި އެކު އޭނާ ތުރުކީވިލާތުގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވިއެވެ.

ޔޯމޭޒް ވަނީ 1986 ވަނަ އަހަރުން ފެށިގެން 1990 ވަނަ އަހަރު ތުރުކީވިލާތުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާފައެވެ. އެއަށްފަހު އޭނާ ވަނީ ތުރުކީވިލާތުގެ ކަލްޗާ އެންޑް ޓްއަރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

އޭނާ ތުރުކީވިލާތުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން 1997 ވަނަ އަހަރުން 1999 ވަނަ އަހަރަށް ވެސް ޔޯމޭޒް ތުރުކީވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ. 2000 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރަށް ތުރުކީވިލާތުގެ ވެރިކަން ކޯލިޝަނަކުން ކުރިއިރު ބޮޑުވަޒީރުގެ ނައިބު ކަމާއި ސްޓޭޓް މިނިސްޓަރުކަން ވެސް ޔޯމޭޒް ކުރެއްވިއެވެ.

2009 ވަނަ އަހަރުގެ އާއްމު އިންތިޚާބު ކާމިޔާބުކޮށް 2011 ވަނަ އަހަރާއި ހަމައަށް ޔޯމޭޒް ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ.