މާދަމާ އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް އުމްރާވުމަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހަތް މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު މައްކާގައި ހުންނަ ހަރަމްފުޅު ހުޅުވާލާފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެ ދުވަހުހުޅުވާފައި ވަނީ ހަމައެކަނި ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ރައްޔިތުންނަށާއި، ސައުދީގައި ރަށްވެހިވެގެން އުޅޭ މީހުންނަށް އެކަންޏެވެ.

މާދަމާ ވެގެން ދާނީ މި ބަންދަށްފަހު މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުން އުމްރާއަށް ދިއުމުގެ ދޮރު ހުޅުވިގެންދާ ފުރަތަމަ ދުވަހަށެވެ.

"އަލް އަރަބިއްޔާ" ނޫހުން މައްކާގެ ހައްޖު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އުމްރާ އަށް ދާ ކޮންމެ މީހަކުވެސް ސައުދީއަށް ދިއުމަށްފަހު ތިން ދުވަހަށް ކަރަންޓީނު ވާން ޖެހެއެވެ. އަދި ހަރަމްފުޅަށް ވަނުމުގެ ކުރިން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ކޮންމެ މީހަކު ވެސް އުމްރާއަށް ސައުދީއަށް ދިއުމުގެ 72 ގަޑިއިރު ވެފައި ނުވާ ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށާއި، ކޮންމެ މީހަކަށް ވެސް އެގައުމަށް އެތެރެ ވެވޭނީ ކޮވިޑް ނެތް ކަމުގެ ލިއުމަކާއެކު ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން މިފަހަރު އުމްރާއަށް އާދެވޭނީ 50 މީހުން ހަމަނުވާ ޖަމާއަތަކާއި ގުޅިގެން ކަަމަށާއި، ޖަމާއަތަކާއި ނުގުޅި އުމްރާއަށް ނުދެވޭނެ ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ސައުދީ ސަރުކާރުން ވަނީ އުމްރާއަށް އަންނަ މީހުންނަށް ހާއްސަކޮށް 1800 ހޮޓާ ހަމަޖައްސައިފައެވެ. އެއީ ތިން ތަރި އަދި ފަސް ތަރީގެ ތަންތަނެވެ.

ހަރަމްފުޅު އާންމުކޮށް ހުޅުވާލިޔަސް މި ފިޔަވަަހީގައި ހުއްދަ ދޭނީ 20،000 މީހުންނަށެވެ. އަދި ކޮންމެ ދުވާލެއްގެ މައްޗަށް ހަރަމްފުޅަށް ވަދެވޭނީ 60،000 މީހުންނަށެވެ.