ވިސާގެ މައްސަލަތަކެއް ކުރިމަތިވެ ނުފުރުނު ސަފާ ގްރޫޕްގެ އުމްރާވެރިން އެންމެ ފަހުން ފުރައިފި އެވެ.

ސަފާގެ އުމްރާވެރިން އެންމެ ފުރަތަމަ ފުރަން އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ވިސާ ނުލިބުނު ކަމަށް ބުނެ އެ މީހުންނަށް ފުރޭ ގޮތެއް ނުވި އެވެ.

ބުރާސްފަތި ދުވަހުގެ ދަތުރު ކެންސަލް ކުރިއިރު، ބައެއް ފަރާތްތަކުން ތިބީ ފުރަން އެއާޕޯޓަށް ދާ މަގުމަތީގައެވެ.

އެހެންވެ ފަހުން ސަފާާގެ 182 އުމްރާވެރިން މިއަދު ފުރީ ޗާޓާޑް ފްލައިޓެއްގަ އެވެ. އެއީ ސައުދީގެ ސަލާމް އެއާގަ އެވެ.

ވިސާ ނުލިބޭ ކަމަށް ބުނެ ސަފާގެ ފަރާތުން އުމްރާއަށް ދިއުމަށް ތައްޔާރުވި މީހުންނަށް ނުފުރުނު ކަމަށް އެ ގްރޫޕުން ބުނި ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނީ، އެމައްސަލަ ދިމާވެފައި ވަނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫން ކަމަށެވެ.

އަދި އުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، ކުންފުނިން އެގޮތަށް ހަމަޖައްސާފައި ނުވާކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ސަފާ ގްރޫޕުން ބުނީ އެ ގްރޫޕްއަށް ބަޔަކު ލަނޑެއް ދިނީ ކަމަށެވެ.