ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އަވައްޓެރި އިންޑިއާގެ ރާޖަސްތާންސް ސްޓޭޓުގައި މާސްކު އެޅުން މަޖުބޫރުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ރާޖަސްތާނުގެ ޗީފް މިނިސްޓަރު އަޝޯކް ގޭލޮތު ވިދާޅުވީ މިއަދުން ފަށައިގެން އެ ސްޓޭޓުގައި އާންމު ތަންތަނުގައި އުޅޭއިރު އެންމެންވެސް މާސްކު އެޅުން މަޖުބޫރުވާނެ ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން ކަމަށް ވެސް އަޝޯކް ވިދާޅުވިއެވެ.

މިނިސްޓަރ އަޝޯކް ވަނީ، އިންޑިއާގެ އެހެން ސްޓޭޓް ތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުޙިންމުކަން ހާމަކޮށް އެކަމަށް ގޮވާލައްވާފައެވެ. އަދި ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑު މި ދުވަސްވަރު، އާންމު ޙަފްލާތައް ބޭއްވުން ހުއްޓާލުމަށްވެސް އަޝޯކް ވަނީ ގޮވާލައްވާފައެވެ.

ކުރިޔާއި އަޅާ ބަލާއިރު އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު ވަނީ ދަށްވާން ފަށާފައެވެ. ނަމަވެސް އެޤައުމަކީ އަދިވެސް ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިފައިވާ ޤައުމެވެ. އަދި ފާއިތުވެދިޔަ ދުވަސްތަކުގައި އިތުރު އެތައް ލައްކަ ބަޔަކަށް އެޤައުމުން އަލަށް ބަލި ޖެހިފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 45,000 އަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް 8.2 މިލިއަން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 122,600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު