ކުރިއަށް އޮތް ހަތަރު އަހަރަށް އެމެރިކާގެ ވެރިކަމުގައި ހުންނާނެ ރައީސަކު ކަނޑައަޅަން ކުރިއަށް ގެންދިޔަ ވޯޓުގައި މިހާތަނަށް 96 މިލިއަން މީހުން ވޯޓު ލައިފިއެވެ.

މިއަދު ރަސްމީކޮށް އެމެރިކާގައި ވޯޓްލާން ފެށި ނަމަވެސް މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން ޕޯސްޓް މެދުވެރިކޮށް ވޯޓް ލާން ވަނީ ފަށާފައެވެ. އެގޮތުން މިއަހަރު ޕޯސްޓް މެދުވެރިކޮށް 85 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓް ލާފައިވެއެވެ.

އެމެރިކާގައި ކުރިއަށްދާ އިންތިހާބުގައި މިހާތަނަށް 96 މިލިއަން މީހުން ވޯޓު ލާފައިވާއިރު، އެ ގައުމުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ވެސް ދަނީ ފެތުރެމުންނެވެ.އެ ގޮތުން އެ ގައުމުގައި 9.3 މިލިއަން މީހުންނަށް މިހާތަނަށް ވަނީ ކޮވިޑް-19 ގެ ބަލި ޖެހިފައެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި މި އަހަރު ވާދަކުރައްވަނީ އެމެރިކާގެ ސިޔާސީ ތާރީހުގައި އެންމެ ވާދަވެރި ޑިމޮކްރެޓްސްއާއި ރިޕަބްލިކަން އިން އެކަންޏެވެ.

ވެރިކަން ކުރާ ރިޕަބްލިކަންގެ ރިޔާސީ ޓިކެޓްގައި ވާދަކުރައްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. އިދިކޮޅު ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ އުސޫލު އޮންނަ ގޮތުން އިންތިހާބު ކާމިޔާބުކުރާނީ ވާދަވެރި ސްޓޭޓްތަކުގެ އެލެކްޓޯރަލް ވޯޓުގެ މެޖޯރިޓީ ކާމިޔާބު ކުރާ ކެންޑިޑޭޓެކެވެ. ކޮންމެ ސްޓޭޓަކަށް އެލެކްޓޯރަލް ވޯޓްގެ އަދަދެއް ކަނޑައަޅާފައި އޮންނައިރު ސްޓޭޓެއްގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓްގެ ހުރިހާ އެލެކްޓޯރަލް ވޯޓެއް ލިބޭނެއެވެ. އިންތިހާބު ކާމިޔާބު ކުރަން މަދުވެގެން 270 އެލެކްޓޯރަލް ވޯޓު ބޭނުންވާނެއެވެ.

މިއީ އެމެރިކާގެ ތާރީޚްގައި ވެސް ބާއްވާ އެންމެ މައްސަލަ ބޮޑު އިންތިޚާބަށް ވެގެން ހިނގައިދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ދެކެއެވެ. ކެމްޕޭން ނިންމާލުމުގެ ގޮތުން ޕެންސިލްވޭނިއާގައި ވާހަކަދައްކަމުން ވެސް ޓްރަމްޕް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރަން އޭނާ ދެކޮޅު ހަދަން ޖެހިދާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.