ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 35 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 35 މިލިއަނަށް އަރާފައި މިވަނީ އިތުރު ގިނަ އަދަދެއްގެ ބަޔަކު އިއްޔެވެސް މި ބަލިން ރަނގަޅުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނިކޮށެވެ. ބަލިން ރަނގަޅުވީ މީހުންގެ އަދަދު 34 މިލިއަނުން 35 މިލިއަނަށް އަރާފައި ވަނީ މިދިޔަ ހަތަރުވަރަކަށް ދުވަސް ތެރޭގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތިންލައްކައަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 35,168,390 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، އިއްޔެ އެކަނިވެސް 6 ލައްކައަށްވުރެ ގިނަ މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 49 މިލިއަނަށް އަރާފައެވެ. ދުނިޔެއިން ކޮވިޑް-19 އަށް ފައްސިވުމަށްފަހު ބަލިން ރަނގަޅުވި މީހުންގެ އަދަދު 35 މިލިއަނަށް އަރާފައިވީނަމަވެސް، އަލަށް ބަލި ޖެހޭ މީހުންގެ ނިސްބަތާއި އަޅާބަލާއިރު، ރަނގަޅުވާ މީހުންގެ އަދަދު މަދެވެ. އެހެންކަމުން ދުނިޔެއަށް މި ބަލިމަޑުކަމުގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ ވެސް އިތުރު 8000 މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 1.2 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ ދިހަ މިލިއަން މީހަކަށެވެ. މީގެ ތެރެއިން 90,000 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގައި ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިޔަށްވުރެ އިތުރުވެގެން ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 216 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު