އީރާންގެ އެންމެ އިސް އެއްނިއުކްލިއާ ސައިންސްވެރިޔާ ކަމަށްވާ މުހުސިން ފަޚުރިއްޒާދީ އަވަހާރަކޮށްލާފައި ވަނީ އިސްރާއީލުން ކަމަށް އީރާންގެ ރަސްމީ ފަރާތްތަކުން ބުނި ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން އިސްރާއީލުން ދެކޮޅު ހަދައިފިއެވެ.

މީގެ ކުރިން އީރާންގެ ބައެއް ސައިންސްވެރިންނާއި އަދި އިސްލާމީ އެހެން ގައުމުތަކަށް ނިސްބަތްވާ ސައިންސްވެރިންނާއި އިލްމުވެރިން އިސްރާއީލުގެ ޖާސޫސުން މެދުވެރިކޮށް އަވަހާރަކޮށްލާފައި ވެއެވެ. ނަމަވެސް ވަރަށް މަދުފަހަރަކު ނޫނީ އެއިން ކަމަކަށް އިސްރާއީލުން އެއްބަހެއް ނުވެއެވެ.

މުހުސިން އިއްޔެ އަވަހާރަކޮށްލާފައި ވަނީ އޭނާ އީރާންގެ ވެރިރަށް ތެހެރާންގެ ކައިރިން މޮޓޯކޭޑެއްގެ ދަތުރު ކުރައްވަމުން ގެންދަވަނިކޮށް ސައިކަލްތަކެއްގައި އައި ބަޔަކު ބަޑިންނާއި ގޮވާތަކެތިން ހަމަލާ ދީގެން ކަމަށް އީރާންގެ މީޑިއާތަކުން ބުނެއެވެ.

އީރާންގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވަނީ މިހަމަލާގެ ފަހަތުގައި އޮތީ އިސްރާއީލްކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ކަށަވަރު ކަމަށެވެ. އަދި އިސްރާއީލްގެ ސަރުކާރުން ހިންގަމުން ގެންދާ ނިރުބުވެރި އަމަލުތައް ބައިނަލްއަޤުވާމީ ފަރާތްތަކުން ތަޙްޤީޤު ކުރުމަށް ވެސް އީރާނުން ވަނީ ގޮވާލާފައެވެ.

މުހުސިންގެ މަރާއި ގުޅިގެން އެމެރިކާ ސަރުކާރުން ވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމެރިކާގެ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް މިހާރު ގަލްފް ސަރަހައްދަށް މިސްރާބު ޖަހާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާކްރާފްޓް ކެރިއާގެ ދަތުރަކީ އެމެރިކާ ސިފައިން އަފްޣާނިސްތާނާއި އިރާޤުން ބޭލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅުންހުރި ދަތުރެއް ކަމަށާއި އެދަތުރާއި މުހުސިންގެ މަރާއި ގުޅުމެއް ނެތްކަން އެމެރިކާގެ ޑިފެންސް އޮފިޝަލަކު "ސީއެންއެން" އަށް މައުލޫމާތު ދެމުން ވިދާޅުވެފައި ވެއެވެ.