އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އާއި ދެކުނު ކޮރެޔާގެ ލީޑަރު، މޫން ޖައޭގެ ކުއްކި މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މި ބައްދަލުވުން ބާއްވަވާފައިވަނީ ދެ ކޮރެޔާގެ ދެމެދުގައި އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދުގެ، އުތުރު ކޮރެޔާއާ ވީ ފަޅީގައެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވަވާފައިވަނީ، އުތުރު ކޮރެޔާ އާއި އެމެރިކާއާ ދެމެދު ކުރިއަށް ގެންދިޔުމަށް ނިންމި ސަމިޓު ކެންސަލު ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އަދި، މި ކުއްލި ބައްދަލުވުމުގެ މަގުސަދަކީވެސް، ސަމިޓު ކެންސަލް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިއަދު ދެ ލީޑަރުންގެ މެދުގައި ކުރިއަށް ގެންދެވި ބައްދަލުކުރެއްވުން، ދެ ގަޑިއިރަށް ދެމިގެންދިޔަކަމަށް ބައިނަލްއަޤުވާމީ ނޫސްތަކާއި އެނޫންވެސް މީޑިޔާތަކުން ބުނެފައިވެއެވެ.

މި ކުއްލި ބައްދަލުވުމުގެ މައުލޫމާތު އަދި އެއްވެސް ޤައުމަކުން، މީޑިޔާއާ ހިއްސާކޮށްފައި ނުވާއިރު، މާދަމާގެ ވަގުތެއްގައި މިކަންކަމުގެ ތަފްސީލު މީޑިޔާއަށް ދޭނެކަމަށް ދެކުނު ކޮރެޔާގެ މަސްއޫލުވެރި ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

މީގެކުރިން، ދެ ކޮރެޔާގެ ލީޑަރުން އޭޕްރީލް މަހު ބައްދަލުކުރައްވާފައިވާއިރު، އެބައްދަލުކުރެއްވުން ވެގެން ގޮސްފައިވަނީ ތާރީޚީ ބައްދަލުކުރެއްވުމަކަށެވެ. އެގޮތުން، ދެ ކޮރެޔާގެ ދެމެދުގައި އޮތް ހަނގުރާމަ ނިންމާލާނެކަން އިޢުލާންކޮށް، ނިއުކްލިޔަރ ހަތިޔާރުގެ ބާރުވެރިކަން ނައްތާލާނެކަމަށް އުތުރު ކޮރެޔާއިން ހާމަކުރެއްވީ އެބައްދަލުވުމަށް ފަހުގައެވެ.