ޖަރުމަންވިލާތުގައި މީހަކު ގަސްދުގައި އެތައް ބަޔަކުގެ ގައިގަ ކާރަކުން ޖެއްސުމުން މަދުވެގެން ހަތަރު މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމް ވެއްޖެއެވެ.

މިހާދިސާ ހިނގީ ޖަރުމަންވިލާތާއި ލަގްޒަމްބާގް ގުޅޭ ސަރަހައްދީ އިން ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ޓްރިއާގައެވެ.

ޖަރުމަންވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި ކާރުން ޖައްސާފައި ވަނީ ހިނގަން ހާއްސަ ކޮށްފައިވާ މަގެއްގައި ތިބި މީހުންގެ ގައިގައެވެ. މަރުވި މީހުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެކުއްޖާ މަރުވީ އެކުއްޖާ އޮތް ޓްރޮލީގައި ކާރުން ޖެއްސުމުން ޓްރޮލީ ކާރު ދަށުވެގެންނެވެ.

ޖަރުމަންވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި މިހާދިސާގައި 15 މީހަކު ވަނީ ޒަހަމް ވެފައެވެ.

ކާރުން އާއްމުންގެ ގައިގަ ޖެއްސި މައްސަލައިގައި މިހާރު ވަނީ 51 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އޭނާ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އޭނާ އާއްމުންގެ ގައިގަ ކާރުން ޖެއްސި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާވަރަކުން އިތުރު މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށެވެ.

މިމައްސަލައިގައި އިތުރު މީހަކު ނުވަތަ ބަޔަކު ހިމެނޭތޯ ބަލަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ހާދިސާ ހިނގި ސަރަހައްދުގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ވަރުގަދަ ކޮށްފައެވެ.

މަންޒަރުދުއް ބައެއް މީހުން ބުނާ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު މީހުންގެ ގައިގަ ޖައްސަން ފެށުމުން ބައެއް މީހުން ވަނީ އެތައް ފޫޓެއް ދުރަށް ވިއްސައިގެން ގޮސްފައެވެ.