ކޮވިޑް-19 އަށް ފިލަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އޮންނަނީ ބަންކަރެއްގައި ކަމަށް ލިތުއޭނިއާގެ ނޫހަކުން ބުނެފިއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި މިބަންކަރު ހުންނަނީ ސީދާ ކޮންތަނެއްގައި ކަމެއް ނޭންގެއެވެ. ނަމަވެސް ރަޝިއާގެ ދެސިޓީއެއް ކަމަށްވާ ސެއިންޓް ޕީޓަސްބާގް އާއި ސޮޗީ އިން ދާދިފަހުން ޕޫޓިން ފެނިފައި ވާތީ ބަންކަރު ހުންނަނީ އެދެސިޓީން ކުރެ ކޮންމެވެސް އެއްސިޓީއެއްގައި ކަމަށް ނޫހުގައި ލަފާކޮށްފައި ވެއެވެ.

ލިތުއޭނިއާގެ ނޫހުގައި ދައްކާފައިވާ ވާހަކަތައް ޕޫޓިންގެ ތަރުޖަމާން ވަނީ ދޮގުކޮށްފައެވެ. ޕޫޓިންގެ ތަރުޖަމާން ރަޝިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވުމަށް ޕޫޓިން ބަންކަރަކަށް ނުވަންނަ ކަމަށާއި ނަމަވެސް ބަލީގެ ނުރައްކާ އޮތުމުން ރަޝިއާގެ އެހެން ގިނަ މީހުންނެކޭ އެއްގޮތައް ޕީޓިން ވެސް މިހާރު މަސައްކަތް ކުރައްވަނީ ގޭގައި އިންނަވައިގެން ކަމަށެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގެ ބޭރުގައި ހުންނަ ގަނޑުވަރެއް ކަމަށްވާ "ނޮވޯ-އޮގަރީއޯވޯ" ފިޔަވައި އިތުރު އެއްވެސް ތަނެއްގައި ޕޫޓިން މަސައްކަތް ކުރައްވާފައި ނުވާކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން އޭޕްރީލް މަހުން ފެށިގެން ޕޫޓިން މަސައްކަތް ކުރައްވަމުން ގޭގައެވެ. ރަސްމީ ބައްދަލުވުންތައް ވެސް ބާއްވަމުން ގެންދަވަނީ އޮންލައިންކޮށެވެ. އަދި ދޭތެރެ ދޭތެރެއިން ކޮވިޑް-19 އަށް ޓެސްޓް ވެސް ކޮށްފައި ވެއެވެ.

ޕޫޓިން މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގަނޑުވަރަކީ ރަޝިއާގެ ރަސްމީ ރިޔާސީ ގަނޑުވަރެއް ނޫނެވެ. ރަޝިއާގެ ރަސްމީ ރިޔާސީ ގަނޑުވަރަކީ ކްރެމްލިން އެވެ. ނޮވޯ-އޮގަރީއޯވޯ އަކީ 1950ގެ އަހަރުތަކުގައި އިމާރާތްކުރި ރަޝިއާގެ ރައީސް ބައެއް ދުވަސްވަރު ދިރިއުޅުއްވާ ގަނޑުވަރެކެވެ.