ކޮވިޑް-19 އަށްވުރެ މާނުރައްކާތެރި، އަދި މާހަލުވިކޮށް ފެތުރޭނެ ބައްޔެއް ދުނިޔޭގައި ފެތުރެން އޮތީ ތައްޔާރަށް ކަމަށް 1976 ވަނަ އަހަރު އެބޯލާ ދެނަގަތުމުގައި އެންމެ އިސް ދައުރެއް އަދާކުރި އޭރު ޑޮކްޓަރެއް ކަމަށްވާ މިހާރު ޕްރޮފެސަރ ޖީން ޖެކްއިސް މުއެމްބީ ތަމްފޫމް ވިދާޅުވެއްޖެއެވެ.
ޖެކްއިސް ވިދާޅުވީ އިންސާނުންގެ އަމަލުތައް ހުރިގޮތުން "ޑިސީސް އެކްސް" ނުވަތަ އަދި މިހާތަނަށް ނަމެއް ދެވިފައި ނެތް، މިހާތަނަށް ވައިރަސްއެއް ދެނެގަނެވިފައި ނެތް ބައްޔެއް ވަރަށް އަވަހަށް ފެތުރިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ މިބަލި ފެށިގެން އައުމުގެ ފުރުސަތު އެންމެ ބޮޑީ އެފްރިކާގެ ގައުމުތަކުގެ ޖަންގަލިންނެވެ.
"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ދެން ފެތުރިގަންނަ ބަލިމަޑުކަމެއް ކޮވިޑް-19 އަށްވުރެ މާބޮޑަށް ނުރައްކާވާނެ. އެއީ އިންސާނިއްޔަތައް އަދި މާބޮޑު ނުރައްކަލަކަށް ވެގެންދާނެ." ޖެކްއިސް ވިދާޅުވިއެވެ.
ޖެކްއިސް ވިދާޅުވި ގޮތުގައި މިހާރު އިންސާނުންގެ އަމަލުތައް ހުންނަ ގޮތައް ބަލާއިރު ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ހަށިގަނޑަށް ވައިރަސްއެއް އެރުމުގެ ފުރުސަތު ކުރިއަށްވުރެ މާބޮޑަށް އެބައޮތެވެ. އެހެންކަމުން ގޮތްނޭންގޭ ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"ރީނދޫ ހުމާއި، ތަފާތު ވައްތަރުތަކުގެ އިންފްލްއެންޒާތަކާއި ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ގަޔަށް ވާސިލްވާ ވައިރަސްތައް މިވަނީ އިތުރުވެފައި. އެހެންކަމުން ކޮވިޑް-19 އަށްވުރެ މާނުރައްކާ ބަލިމަޑުކަމެއް ފެތުރިގެން ދިއުމުގެ ފުރުސަތު އިންތިހާއަށް ބޮޑު." ޖެކްއިސް ވިދާޅުވިއެވެ.
ފުރަތަމަ އެބޯލާ ފެތުރެން ފެށުމުން އެބަލި ދެނެގަންނަން ލޭގެ ސުންކު (ސާމްޕަލް) ނެގި ޑޮކްޓަރަކީ ޖެކްއިސްއެވެ. އެއީ ކުރިން ފެނިފައި ނެތް ތަފާތު އާބައްޔެއްކަމަށް ޖެކްއިސް ނިންމަވާ، ބަލީގެ އިތުރު ތަހްލީލްތައް ފުރަތަމަ ފެއްޓެވީ އޭނާ އެވެ. ފަހުން ޓެސްޓްތައް ފުރިހަމަ ކުރަން ސުންކު ބެލްޖިއަމް އާއި އެމެރިކާ އަށް ފޮނުވައިގެން ކުރި ތަހްލީލްތަކުން ސައިންސްވެރިންނަށް ކަށަވަރު ކުރެވުނީ އެއީ އެހައިތަނަށް އަދި ދުނިޔެ އިން ފެނިފައި ނެތް ބައްޔެއް ކަމަވެ. ފަހުން އެބަލީގެ ނަމަކަށް އެބޯލާ ކިޔާފައި ވެއެވެ.
އެބޯލާގެ ބަލި މީހުން ފުރަތަމަ އެޑްމިޓްކޮށް ފަރުވާ ދިނީ ޔަމްބޫކް މިޝަން ނަމަކަށް ކިޔާ ހޮސްޕިޓަލެއްގައެވެ. އޭރު ހޮސްޕިޓަލްގައި އެޑްމިޓްކުރި %88 ބަލި މީހުން ބަލިން ރަނގަޅުނުވެ މަރުވިއެވެ. އަދި ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރި މީހުންގެ ތެރެއިން %80 މީހުން މަރުވިއެވެ.
ކޮވިޑް-19 އާއިއެއްވަރަށް ދުނިޔޭގެ ހާލަތު ގޯސްނުވި ނަމަވެސް ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ވަނީ ނުރައްކާތެރި ބަލިތަކެއް ދުނިޔޭގައި ފެތިރިފައެވެ. އެގޮތުން އެންމެ ފާހަގަ ކުރެވެނީ މާސް އާއި ސާސް ރޯގާއެވެ. ކޮވިޑް-19 ފުރަތަމަ އިންސާނުންނަށް ޖެހުނީ ކިހިނެއްކަން އަދި މިހާތަނަށް ކަށަވަރުކަމާއިއެކު ބުނަން ނޭންގުމަކީ ވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.
އެޕޯލާެަކީ އެފްރިކާ ބައްރުގެ މީސްތަކުން ހަލާކުކޮށްލުމަށް ހެދި އެއްޗެއް