މަސްތުވާތަކެތި ކަނޑުމަގުން ދިވެހިރާއްޖެއަށާއި، ސްރީލަންކާއަށް އެތެރެ ކުރުމަށްފަހު ވައިގެ މަގުން މަސްތުވާތަކެތި އިންޑިއާއަށް ގެންދާކަމަށް އިންޑިއާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އޮފިޝަލަކު އެގައުމުގެ މީޑިއާ އަށް މައުލޫމާތު ދެމުން ވިދާޅުވެއްޖެއެވެ.

އެންސީބގެ އޮފިޝަލަކު މިހެން ވިދާޅުވީ އިންޑިއާގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުން އެގައުމަށް އެތެރެވާން މަސައްކަތް ކުރި ޒެމްބިއާގެ ދެމީހެއްގެ އަތުން ފަސް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ތަފާތު ދެއޮޕަރޭޝަނެއްގެ މައުލޫމާތު މީޑިއާ އާއި ހިއްސާ ކުރަމުންނެވެ.

މީގެ ތެރެއިން ފުރަތަމަ މީހާ ހައްޔަރު ކުރީ ޑިސެމްބަރ 25 ވަނަ ދުވަހު އެވެ. ދެވަނަ މީހާ ހައްޔަރު ކުރީ ޑިސެމްބަރ 31 ވަނަ ދުވަހު އެވެ. ފުރަތަމަ ހައްޔަރުކުރި މީހާގެ އަތުން 4.64 ކިލޯގެ ހެރޮއިން ފެނިފައި ވެއެވެ. ދެވަނަ މީހާގެ އަތުން ވަނީ 700 ގްރާމްގެ ހެރޮއިން ފެނިފައެވެ. މިމައްސަލައިގައި ހައްޔަރުކުރި ދެމީހުން އިންޑިއާ އަށް ދަތުރުކުރީ ކޮން ގައުމަކުން ކަމެއް އިންޑިއާ އިން ހާމައެއް ނުކުރެއެވެ.

ނަމަވެސް އިންޑިއާގެ އޮފިޝަލަކު ވިދާޅުވީ އަފްޣާނިސްތާނާއި ޕާކިސްތާނުން އިންޑިއާއަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ޒަމާންތަކެއް ވަންދެން ކުރަމުން އައި މަސައްކަތައް މިހާރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"މިހާރު ޕާކިސްތާނާއި އަފްޣާނިސްތާނުން މަސްތުވާތަކެތި ފުރަތަމަ ކަނޑުމަގުން މިގެންދަނީ ދިވެހިރާއްޖެ އާއި ސްރީލަންކާ އަށް. އެއަށްފަހު އެދެގައުމުން އަނެއްކާ އިންޑިއާ އަށް މިގެންނަނީ. އިންޑިއާ އަށް މަސްތުވާތަކެތި ގެންދިއުމުގައި ބޮޑަށް ބޭނުން މިކުރަނީ ވައިގެ މަގު." އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އަފްޣާނިސްތާނާއި ޕާކިސްތާނުން އެފްރިކާގެ ގައުމުތަކަށް މަސްތުވާތަކެތި ގެންގޮސް، އަދި އެގައުމުތަކުން އަނެއްކާ އިންޑިއާ އަށް މަސްތުވާތަކެތި ފޮނުވާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފާއިތުވި ފަސްވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަނީ ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އޭގެ ތެރެއިން ބައެއް އޮޕަރޭޝަންތަކުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 100 ކިލޯއަށްވުރެ ވެސް މައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޒައިދު

  ޗޮކުންދިޔަ ފެރީގެ މައިގަނޑު މަޤުޞަދު ތިޔަ ޙާޞިލްވަނީ. ރާއްޖޭގައިވެސް ހުރިހާދިމައަކު ތިކަން އޮތީ ތިޔާގިވެފަ މިހާރު!

  10
  17
 2. އަޖާއިބެއް

  މިރާއްޖެއަށްވުރެ އެތައް ގުނައެއް އިތުރަށް މަސްތުވާތަކެތި ހުރި ތަނަކަށް މިތަނުން ބަޔަކު ގެންދަނީތަ؟ ނޫނީ މަސްތުވާތަކެތި ހައްދާ ގައުމަކުން މިގައުމަށް އެތެކުރަނީތަ؟ ތީ މިގައުމުގައި ހައްދާ އެއްޗެއް ނޫން. ހާދަ ބައިވަރެއް އެތެރެކުރާތީތާ ތިއޮތް ބޮޑު ގައުމަށް މިގައުމުން ގެންދަންޖެހެނީ!

  10
  17
 3. ކޮރަލް

  އަދަބު ނުދެވޭތީ އެތެރެ ކުރަނީ އެވެ.

  9
  8
 4. ޢަލީބެ

  އިންޑިއާގަތޯ ދިވެހިރާއްޖޭގަތޯ މަސްތުވާ އެއްޗެހި ގިނައީ

  9
  9
 5. ބަސަރާ

  ތިއުޅެނީ ކޮށްމެވެސް މަޅިއެއް ޖަހައިގެން މިގައުމުގެ ކަނޑުގެ ސަރަހައްދުގެ ބާރުހޯދަން. މާކުރިން ރާވައިގެން ހިންގާ ޖަރީމާއެއްތީ. ތިޔައީ އެމްޑީޕީ އަޑިގައޮވެގެން އިންޑިޔާ އިންވެސްޓްކޮށްގެން ރާއްޖެއަށް ކަންޑުމަގުން މަސްތުވާތަކެތިގެނެސް ތިކަން ތިހެން ކުރަން ތި އުޅެނީ. ތި އެތެރެކުރިނ އެއްވެސްބަޔަކަށް އަދަބެއްނުދީ ދޫކޮށްލަނީ

  4
  1