އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެގައުމުގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ "ކެޕިޓަލް" ކައިރިއަށް ހަތިޔާރު ހިފައިގެން ތިބެ އެއްވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އަންގާފައިވާ ކަމުގެ ކޮންގްރެސްގެ ޑިމޮކްރަޓިކް މެންބަރުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެޗްބީއައި) އިން ވެސް ވަނީ ހަތިޔާރާއިއެކު ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ނިކުމެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްބުނެ އެކަމަށް ތައްޔާރުވުމަށް 50 ސްޓޭޓް ފުލުހުންގެ އިދާރާތަކަށް އަންގާފައެވެ.

ޕެންސިލްވޭނިއާގެ ކޮންގްރެސް މެންބަރު އެލީސީން ކެމެރޮޓާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާ ދުވަހު 4000 ސަޕޯޓަރުން ހަތިޔާރާއިއެކު ކެޕިޓަލް ކައިރިއަށް އެއްވާން ޓްރަމްޕްގެ ސަޕޯޓަރުން ރާވަމުންދާ ކަމުގެ މައުލޫމާތު މިހާރު ވަނީ ސަލާމަތީ ބާރުތަކަށް ލިބިފައެވެ.

އެފްބީއައި އިން ވެސް ބުނެފައި ވަނީ އެކި ސްޓޭޓްތަކަށް މުޒާހަރާއަށް ނިކުންނަން ރާވަމުންދާ ޓްރަމްޕްގެ ސަޕޯޓަރުން ހަތިޔާރު ހިފައިގެން ވޮޝިންޓަން ޑީސީ އަށް ދަތުރު ކުރުމަށް ވެސް މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ހަތިޔާރާއިއެކު ޓްރަމްޕްގެ ސަޕޯޓަރުން ހިންގަފާނެ ހަމަނުޖެހުމަށް ތައްޔާރުވެ ތިބުމަށް އެފްބީއައި އިން ވަނީ ބިއުރޯ އޮފް އަލްކަހޯލް، ޓޮބޭކޯ، ފަޔައާމްސް އެންޑް އެކްސްޕްލޯސިވް ޑްރަގް އެންފޯސްމަންޓް އަށާއި ޕާކް ޕޮލިސް އަދި ޔޫއެސް މާޝަލް ސާވިސް އަށް ވެސް މިހާރު އަންގާފައެވެ. އެފްބީއައި އިން ބުނީ ހަތިޔާރު ހިފައިގެން ޓްރަމްޕްގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު މީސް މީޑިއާ އިންނާއި އެހެނިހެން ގޮތްގޮތުން އެފްބީއައި އަށް އަންނަނީ ލިބެމުންނެވެ.

ކެޕިޓަލްއަށް ޓްރަމްޕްގެ ސަޕޯޓަރުން އެންމެ ފަހުން ވަދެ ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން މިހާރު ވެސް ވަނީ ވަރަށް ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު