އިނގިރޭސިވިލާތުން މިއަދު ކޮވިޑް-19 ޖެހިގެން އިތުރު 1243 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ދުވަހެވެ.

އިނގިރޭސިވިލާތުގެ ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ދެންމެ "ޑައުނިން ސްޓްރީޓް" ގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ މިއަދު އިނގިރޭސިވިލާތުން 45533 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. މިއަދު އިނގިރޭސިވިލާތުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދެވެ. ނަމަވެސް އިއްޔެއަށްވުރެ ގިނަ މީހުން މިއަދު ވަނީ މަރުވެފައެވެ.

އިއްޔެ އިނގިރޭސިވިލާތުން 46169 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވީ 529 މީހުންނެވެ.

ޕަޓޭލް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން 35075 މީހުން މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދާ ކަމަށެވެ. މިދިޔަ ހަފްތާ އާއި އަޅައިބަލާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު މިހާރު ވަނީ %22 އިތުރުވެފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރަން އިނގިރޭސިވިލާތުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ހިތްހަމަޖައްސާލެވޭ ވަރަށް އަދަދުތައް މަދުވެގެން ދާނީ އަދި މަހެއްހާ ދުވަސް ފަހުން ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އިނގިރޭސިވިލާތުގައި މިހާރު ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަގެންދެއެވެ. މިހާތަނަށް 2.3 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ސަރުކާރުން އުއްމީދު ކުރަނީ ސްޕްރިން ފެށުމުގެ ކުރިން އުމުރުން 50 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދެވޭނެ ކަމަށެވެ. ސްޕްރިން އިނގިރޭސިވިލާތައް ފެށޭނީ މާޗް މަހުގެ 20 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު