އިސްރާއީލުގެ ޖަލުތަކުގައި ތިބި ގައިދީން ކޮވިޑް-19 އިން ރައްކާތެރި ކުރުމަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އިސްރާއީލުގެ ޕްރިޒަން ސާވިސް އިން ބުނެފައިވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ވެކްސިން ދެވޭ މީހުންގެ ތެރޭގައި ފަލަސްތީނުގެ މީހުންވެސް ހިމެނޭނެ ކަމަށެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ގައިދީންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ އިރު، އެ ގައުމުން މީގެ ކުރިން ވަނީ ދެ މިލިއަން މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައެވެ.
އެ ގައުމުގެ ޖަލު އޮފިސަރަކު ބުނެފައިވަނީ ފަލަސްތީނުގެ މީހުންނަށް ވެކްސިން ދިނުމަށް ނިންމި ނަމަވެސް އެމީހުންނަށް ވެކްސިން ދެވޭނީ ޖަލުގައި ތިބި އެހެން މީހުންނަށް ވެކްސިން ދިނުމަށް ފަހު އެންމެ ފަހުން ކަމަށެވެ. މިކަން ބައެއް އިދާރާތަކުން ވަނީ ކުށްވެރި ކޮށްފައެވެ.
މީގެ ކުރިން ދުނިޔޭގެ ބޮޑެތި ޖަމްއިއްޔާތައް ކަމުގައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ފަލަސްތީނުގެ ލިބެރޭޝަން އޯގަނައިޒޭޝަނުން ވަނީ އެގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 4،400 ވަރަކަށް ގައިދީންނަށް ވެކްސިން ދިނުމަށް ގޮވާލައިފައެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި 250 ފަލަސްތީނުގެ ގައިދީއަކު ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.
އެގައުމުގެ ހެލްތް މިނިސްޓަރު ޔޫލި އެޑެލްސްޓެއިން ބުނެފައިވަނީ ޖަލުތަކަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޑޯޒް ކުރިއަށް އޮތް ދުވަސްތަކުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގައިދީންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނީ ވަކި ޕްރޮޓޮކޮލް އަކާއި އެއްގޮތަށް" އިސްރާއީލުގެ ޖަލަކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.