މިސްރުން 5،000 އަހަރުވެފައިވާ ބިޔަރު އުފައްދާ ބޮޑު ފެކްޓްރީއެއް ހޯދައިފިއެވެ.

މިސްރުގެ ސިޓީއެއް ކަމަށްވާ އަބައިޑަސް އިން މި ފެކްޓްރީ ހޯދާފައި ވަނީ އެެ ގައުމުގައި ތިބި އާކިއޮލަޖިސްޓުންތަކެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ އަބައިޑަސް އިން ފެނުނު އެންމެ ދުވަސްވީ ބިޔަރު އުފައްދާ ތަން ކަމަށެވެ.

މިސްރާއި އެމެރިކާގެ މީހުން ހަދާ މި ޑިސްކަވަރީގެ އިސްވެރިޔާ އަދި ނިއުޔޯކް ޔުނިވާސިޓީގެ ޑރ. މެތިއު އެޑަމް ބުނެފައިވަނީ ބިޔަރަކީ މިސްރުގެ ކުރީގެ ރަސްގެފާނު ޝާހީ ހަފްލާތަކުގައ ބޭނުން ކުރުމަށް ގެންދާ އެއްޗެއް ކަމަށެވެ.

މި ބިޔަރު ފެކްޓަރީ ވަނީ އަށް ބަޔަކަށް ބަހާލެވިފައެވެ. މި ތަނުގައި 22،400 ލީޓަރުގެ ބިޔަރު އެއްފަހަރާ އުފެއްދޭނެ ކަމަށް އާދަމް ބުނެފައިވެއެވެ.

އާކިއޮލޮޖިކަލް ސައިޓްތަކާއި މިއުޒިއަމްތައް މިސްރަށް ޒިޔާރަތް ކުރާ ފަތުރުވެރިން ވަރަށް ބޮޑަށް ބަލަން ބޭނުންވެފައި ތިބޭ ތަންތަނެވެ. އެކަމަކު، ކޮވިޑް-19 އާ ހުރެ ބޭރުގެ ފްލައިޓުތައް މިސްރަށް އައުން ގާތްގަނޑަކަށް އޮތީ ހުއްޓައެވެ.
މިސްރަށް 2019 ވަނަ އަހަރު 13 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އައިއިރު، މިދިޔަ އަހަރު އެ ގައުމަށް ޒިޔާރަތް ކުރީ 3.5 މިލިއަން ފަތުރުވެރިންނެވެ.