އިނގިރޭސިވިލާތާއި ޖަރުމަންވިލާތުން ފިލިޕިންސްއަށް ވެކްސިން ހަދިޔާ ކޮށްދޭން އެއްބަސްވެއްޖެނަމަ، އެގައުމުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން އެ ދެގައުމަށް ފޮނުވާލަން ތައްޔާރު ކަމަށް ފިލިޕިންސްއިން ބުނެފިއެވެ.

ފިލިޕިންސްއިން އެގޮތަށް ބުނި ނަމަވެސް އިނގިރޭސިވިލާތުގެ ހެލްތް މިނިސްޓްރީން ބުނީ، އެފަދަ އެއްބަސްވުމެއް ބާއްވަން ނުވިސްނާ ކަމަށާއި މިވަގުތު ވިސްނުން ހުރީ އެގައުމުގައި ވެކްސިން ދިނުން ކަމަށެވެ. އެހެން ނަމަވެސް ފަހުން އަވަސް މުސްތަގުބަލެއްގައި އެހެން ގައުމުތަކަށް ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

އެ އެއްބަސްވުމާއި ގުޅޭ ގޮތުން ޖަރުމަންވިލާތާއި ވާހަކަ ދައްކަން އުޅުނު ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައެވެ.

ފިލިޕިންސް އަކީ އޭޝިއާ ސަރަހައްދުން އެންމެ ގިނަ އަދަދަކަށް ފައްސި ވޭދަނަތަކެއް ފެނިފައިވާ އެއް ގައުމެވެ. އެހެން ނަމަވެސް އެގައުމުން މިވަގުތު ވަނީ އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ގެނެސްފައެވެ. އެއާއި އެކީ އެހެން ގައުމުތަކުގައި މަސައްކަތް ކުރާ އެގައުމުގެ ސިއްހީ ހިދުމަތްތެރިންނަށް އެހެން ގައުމުތަކަށް ދެވޭނެ ކަމަށް ނިންމާފައެވެ. އެގޮތަށް ނިންމި ނަމަވެސް އެގައުމުން ވަނީ ކޮންމެ އަހަރަކު 5،000 މީހުންނަށް ދެވޭނެ ގޮތަށް އަދަދުތައް ހިފަހައްޓާފައެވެ.

ފިލިޕިންސްއިން ވެކްސިނަށް ބޭނުންވެފައިވާއިރު، އިނގިރޭސިވިލާތުން މިވަގުތުވެސް ވަނީ 400 މިލިއަނަށްވުރެ ގިނަ ވެކްސިން ޑޮޒަށް އޯޑަރުދީފައެވެ. އެ އަދަދަކީ އެގައުމުގެ އާބާދީގެ ހަ ގުނައެވެ. އެހެން ނަމަވެސް ފިލިޕިންސްއިން ބޭނުން ވެގެން އުޅެނީ 148 މިލިއަން ޑޯޒު ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޖަރުމަން ވިލާތާއި އިނގިރޭސިވިލާތުން ޖުމްލަ 23 މިލިއަނަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާއިރު، ފިލިޕިންސްއިން އަންނަނީ 70 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގައުމުން އެކެމްޕޭން ފަށާފައިވަނީ ޗައިނާއިން ފޮނުވާފައިވާ ވެކްސިންއިންނެވެ.