ކޮވިޑް-19 އިން ރައްކާތެރިވުމަށް މެލޭރިއާ ބައްޔަށް ބޭނުން ކުރާ "ހައިޑްރޯކްލޮރޮކީން" ބޭނުން ނުކުރުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސް ކޮށްފިއެވެ.

ހައިޑްރޯކްލޮރޮކީން ބޭނުން ނުކުރުމަށް ޑަބްލިއުއެޗްއޯ އިލްތިމާސް ކޮށްފައިވާއިރު، މީގެ ކުރިން އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަނީ އެ ބޭސް ވިއްކުމުގެ ހުއްދަ ދީފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ބަލިން ރަނގަޅުވުމަށް އޭނާވެސް އެ ބޭސް ބޭނުން ކޮށްފައިވާ ކަމަށެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބެއްވި ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯ ތަޖުރިބާކާރުންގެ ޓީމަކުން ވަނީ އެ ބޭހުގެ ސަބަބުން މަރުވާ މީހުންގެ އިންސައްތަ އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އިންސައްތަ ދަށްނުވާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އަލާމާތްތައް ކުޑަވާނެ ކަމަށް ޓީމުން ވަނީ ބުނެފައެވެ.

"ގައިޑްލައިން ތައްޔާރުކުރާ ޕެނަލުން ވަނީ ކޮވިޑް-19 އަށް ފައްސިނުވާ ފަރާތްތަކުން ހައިޑްރޯކްލޮރޮކީން ބޭސް ބޭނުން ކުރުމާއި ދެކޮޅަށް ވާހަކަ ދައްކާފައި" އެ ގްރޫޕުން އާންމު ކުރި ލިޔުމެއްގައި ބުނެފައިވެއެވެ.

އެ ގްރޫޕުން ބުނީ، ގިނަ ބަޔަކުވެސް އެ ބޭސް ބޭނުން ކުރުމުގައި ދެކޮޅު ހަދާނެ ކަމަށާއި އެ ބޭހަކީ ދިރާސާ ހެދުމަށްވެސް މިހާރު ބޭނުން ކުރަމުން އަންނަ ބޭހެއް ނޫން ކަމަށެވެ. އެއާއި ހިލާފަށް އިތުރަށް ބާރުގަދަ ބޭސް ބޭނުން ކުރުމުގައި ދިރާސާ ހަދަމުން އަންނަ ކަމަށްވެސް އެޓީމުން ވަނީ ބުނެފައެވެ.