ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަކީ ޗައިނާގައި ފުރަތަމަ ފެތުރެން ފެށި ވައިރަހަކަށްވި ނަމަވެސް ވައިރަސް ފެތުރުމުގައި ޗައިނާގެ އިހުމާލު އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަށް ސާބިތު ކޮށް ނުދެވޭ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.

"ދަ ހިލް" ގައި އާންމު ކޮށްފައިވާ ރިޕޯޓެއްގައި އެގައުމުގެ ކުރީގެ ސިޔާސީ ލީޑަރެއްގެ ފިރިހެން ދަރިފުޅު، އަދި ޗައިނާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ ޖިއަންލީ ޔަންގް ބުނެފައިވަނީ ޑަބްލިއުއެޗްއޯ އިން ދާދި ފަހުން އެގައުމަށް ކުރި ދަތުރުގައި ވައިރަސް ފެތުރެން ފެށީ ކިހިނެއް ކަމާއި އެއީ ކޮންތަނަކުން ފެތުރެން ފެށި ވައިރަސް އެއް ކަމަށް އުފެދޭ ސުވާލުތަކަށް ޖަވާބު ދެވިފައި ނުވާ ކަމަށެވެ.

"ޑަބްލިއުއެޗްއޯ އަށް އަދިވެސް ދެ ފުށް ފެންނަ ގޮތަށް ޗައިނާ އާއި ކޮވިޑް-19 އާ ހުރި ގުޅުން ހާމައެއް ކޮށް ނުދެވޭ" އެ ރިޕޯޓުގައި އޭނާ ފާހަގަ ކޮށްފައިވެއެވެ.

އޭނާ ބުނީ، މިދިޔަ އަހަރުގެ ތެރޭގައި ވައިރަސް ފެތުރެން ފެށުމާއެކު، އެ ވައިރަސް ފެތުރެން ފަށާފައިވަނީ ވުހާންގެ ލެބަކުން ތަހުލީލެއް ހަދަމުން ދަނިކޮށް ވައިރަސް ލީކު ވެގެން ކަމަށް ތުހުމަތުތަކެއް ކުރެވުނު ކަމަށާއި ނަމަވެސް ޗައިނާއިން އެކަން ދޮގު ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޑަބްލިއުއެޗްއޯއިން ބުނީ، އެއީ ހަމަ ޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

ނަމަވެސް އެ ޓީމުން ބުނެފައިވަނީ މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާއިރު، އަދިވެސް ބަލަން ޖެހޭ ބެލުންތައް ހުރިކަން އެނގޭ ކަމަށާއި އެހެންކަމުން އިތުރަށް އެކަން ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވަނީ ޗައިނާގެ ސަރުކާރުން އެގައުމަށް ދިޔަ 10 ގައުމެއްގެ ތަޖުރިބާކާރުންނަށް ވައިރަސްއާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ނުފޫޒު ފޯރުވާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފައެވެ. އެގޮތުން އެ ޖަމްއިއްޔާގެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެވޭނެ ގޮތެއް މަގުފަހި ކޮށްފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ވަނީ މީގެ ކުރިން ދެކެވޭ ވާހަކަތައް އަދި ތަހުގީގު ކުރަން ޖެހޭ ކަމަށާއި ޗައިނާއަށް ވައިރަސް އައިސްފައިވަނީ ކަނޑުމަގުން އެތެރެކުރި ތަކެތިން ކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ތަހުގީގު ކުރުމަށް ގޮވާލައިފައެވެ.