ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެކަން ހާމަކުރައްވާފައި ވަނީ އެ ގައުމުގެ ހެލްތް މިނިސްޓަރު ފައިސަލް ސުލްތާން އެވެ.

މިނިސްޓަރ ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު އިމްރާން ޚާން ހުންނެވީ ގޭގައި އެކަހެރިވެވަޑައިގެން ކަމަށެވެ.

އިމްރާން ޚާންއަކީ ކުރީގެ އެ ގައުމުގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން އެވެ. އެމަނިކުފާނުގެ ގައުމުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާގޮތުން އެމަނިކުފާނު ފައްސިވެފައި ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ ދެ ދުވަސް ފަހުންނެވެ.

އިމްރާން ޚާން ފައްސިވުމުގެ ކުރިން އެމަނިކުފާންގެ ގަައިން ބަލީގެ އަލާމާތްތައަ ފެނުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާންގައި މިހާތަނަށް 13،799 މީހަކު ކޮވިޑް ބަލީގައި ވަނީ މަރުވެފައެވެ. އެ ގަައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 623،135 އަށް އަރާފައެވެ.