އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކުރާގެ ކަމަށްވާ ކެޕިޓަލް ބިލްޑިން ކައިރީގައި ބަޑި ޖަހާފައި ވަނީ މީހަކު ކާރެއްގައި ގޮސް ދެފުލުހެއްގެ ގައިގަ ގަސްދުގައި ޖެއްސުމުން އޭނާ ހުއްޓުވަން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކެޕިޓަލް ބިލްޑިން ކައިރީ ހުރި ޗެކް ޕޮއިންޓެއްގައި ތިބި ދެފުލުހެއްގެ ގައިގަ ކާރުން ޖެއްސުމުން ދެ ފުލުހުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށެވެ. ކާރު ދުއްވަން އިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އޭނާގެ ހާލަތާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ބައެއް މީޑިއާތަކުން ވަނީ މިހާދިސާގައި ފުލުހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ކެޕިޓަލް ބިލްޑިން ހުރި ސަރަހައްދު ބަންދުކޮށް ސަލާމަތީ ބާރުތައް ކުއްލި ހާލަތަކަށް ގެނެސްފައިވާކަން މީޑިއާތަކުން ކަށަވަރު ކޮށްދެއެވެ.

މިއީ ޖަނަވަރީ މަހު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ބިލްޑިންގައި ހިންގި ހަމަނުޖެހުންތަކަށް ފަހު އެތަނުގެ ކައިރީގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާއެވެ.

މިހާރު ކެޕިޓަލް ބިލްޑިންގް ވަށައިގެން އޮތް ސަރަހައްދުގައި ހަތިޔާރާއިއެކު ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު