ކޮވިޑް-19 ފެތުރުން ކޮމްޓްރޯލުން ނައްޓާލާފައި އޮތް އިންޑިއާ އިން އިއްޔެ 103709 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. އިއްޔެ އަކީ އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. ސެޕްޓެމްބަރ މަހު އިންޑިއާގެ ހާލަތު އެންމެ ބޮޑަށް ގޯސްވިއިރު ވެސް ދުވާލަކު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ލައްކައަކަށް ނާރައެވެ.

ކޮވިޑް ޖެހިގެން އިއްޔެ އިންޑިއާ އިން 477 މީހަކު ވަނީ މަރުވެފައެވެ. ފާއިތުވި ފަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ކޮންމެ ދުވަހަކު ވެސް 400 އަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން އިންޑިއާ އިން މަރުވެފައި ވެއެވެ.

އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު 12.5 މިލިއަނަށް އަރައެވެ. އޭގެތެރެއިން 165132 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ.

ހާލަތު އެންމެ ބޮޑަށް ގޯސްވެފައި އޮތް މަހާރާޝްތުރައިގައި މިއަދު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. މިއަދު އެޅި ފިޔަވަޅުތަކުގެ ތެރޭގައި މޯލްތަކާއި، ކޮންމެހެން ދިރިއުޅުމަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް ބަންދު ކުރުން ހިމެނެއެވެ. އަދި މަހާރާޝްތުރަ އިން ބޭރަށް ދަތުރު ކުރުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ އިންޑިއާގެ ހޮސްޕިޓަލްތައް މިހާރު އަންނަނީ ފުރެމުންނެވެ. ބައެއް ހޮސްޕިޓަލްތަކުގައި ހުސް އެންމެ ތަންކޮޅެއް ނޯންނަވަރަށް އެނދުތައް ޖަހައި ވަނީ ހޮސްޕިޓަލްތައް ފުރާލާފައެވެ. އަދި ހޮސްޕިޓަލްގައި ހުންނަ އެއް އެނދުގައި ވެސް ދެމީހުން އެޑްމިޓް ކޮށްފައި ތިބޭ މަންޒަރު ފެންނަ ފޮޓޯތައް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އިންޑިއާގައި މިހާރު ކޮވިޑް ފެތުރެމުން އަންނަ ސްޕީޑަށް ބަލާއިރު ހާލަތު ގޯސްވެ "ދެވަނަ ބްރެޒިލަށް" އިންޑިއާ ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ސިއްހީ ދާއިރާގެ އޮފިޝަލުން ވެސް އަންނަނީ ދެމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަޒު

    ޚޮވިޝިލްޑްގެ ވެކްސިން ބާރުގަދަ ނުވިއެއްނުންﷲ އަކްބަރ

  2. ލޮލް

    ރާއްޖެއަށް ވެކްސިން ނުފޮނުވާ އެންމެ ކުރިން ތި ގައުމު މީހުންނަށް ދިންނަމަ ކީއްތަވާނީ.....އަޖައިބެއް

  3. ރާއްޖެ

    ޝުކުރިއްޔާ ކޮވިޝީލްޑް