އޮސްޓްރޭލިއާގެ ސްޓޭޓެއް ކަމަށްވާ ކުއީންސްލޭންޑުގައި ކޮވިޑް-19 ގެ ވޭދަނައެއް ނުފެންނަތާ ތިން ދުވަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޭރު ގައުމެއްގައި އުޅެފައި އޮސްޓްރޭލިއާ އަށް އައި މީހުންގެ ތެރެއިން މީހަކު ވެސް މި މުއްދަތުގެ ތެރޭގައި ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 5،348 މީހުން ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިވެއެވެ. އެ ސްޓޭޓުގައި މިވަގުތު ކޮވިޑް ބަލީގައި ފަރުވާ ދެމުންދަނީ 70 މީހުންނަށެވެ.

ޕްރިމިއާ އިން ބުނެފައި ވަނީ ތިން ދުވަސް ވަންދެން ކޮވިޑް ވޭދަނައެއް ނުފެނުނު ނަމަވެސް ގައިދުރުކަން ބަހައްޓައި މާސްކް އަޅައިގެން އުޅުމަށް އެދޭ ކަމަށެވެ. ގިނަ ގިނައިން އަތް ދޮވެ ސާފް ތާހިރު ކަމަށް ސަމާލުވުމަށް ޕްރިމިއާ އިން ވަނީ އާންމުންނަށް ނަސޭހަތްތެރި ވެފައެވެ. ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓު ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެޕްރީލް 15 ވަނަ ދުވަހުގެ ނިޔަލަށް އެ ސްޓޭޓުގައި މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. ކުއީންސްލޭންޑުގެ މީހުންނަށް އެ ސްޓޭޓުގައި ދަތުރު ކުރުމުގެ ހުއްދަ ވަނީ ލިބިފައެވެ.

ނަމަވެސް، އެހެން ސްޓޭޓްތަކަށް ދަތުރު ކުރާ ނަމަ ވަކި ހާއްސަ ގަވައިދެއް ވަނީ ކަނޑައަޅައިފައެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް 29,357 މީހުން ކޮވިޑް-19 އަށް ފައްސި ވެފައިވާ އިރު، 909 މީހުން ވަނީ ކޮވިޑުގައި މަރުވެފައެވެ. އެ ގައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25,486 އަށް އަރައިފައެވެ.