ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި އަހަރު އޮންނަ ޓޯކިޔޯ އޮލިމްޕިކްގައި އުތުރު ކޮރެއާ އިން ބައިވެރި ނުވާނެ ކަން އަންގައިފިއެވެ.

އުތުރު ކޮރެއާއަކީ ކޮވިޑްގެ ބިރުވެރިކަމާ ހެދި އޮލިމްޕިކްސްގައި ބައިވެރި ނުވާން ނިންމި ފުރަތަމަ ގައުމެވެ.

ސްޕޯޓްސް މިނިސްޓްރީ އިން ބުނެފައިވަނީ މި ނިންމުމަކީ ދުނިޔޭގައި ކޮވިޑްގެ ބަލިމަޑުކަމުން އެތްލީޓުން ސަލާމަތް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

ޓޯކިޔޯ އޮލިމްޕިކްސް 2020 ވަނަ އަހަރު ބާއްވަން ނިންމާފައިވީ ނަމަވެސް ކޮވިޑްގެ ފުރަބަންދުގެ ސަބަބުން ވަނީ ފަސްކޮށްފައެވެ.

ވައިރަހުގެ ސަބަބުން މި ގޭމުތައް ބާއްވާ ގޮތަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އެގޮތުން، ސަލާމަތީ ކަންކަމަށް ސަމާލުކަމެއް ދިނުމުގެ ގޮތުން އިންޓަނޭޝަނަލް ސްޕެކްޓޭޓާސް މި ފަހަރު ބައިވެރި ނުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޖަޕާނުގައި ވެކްސިން ދިނުން ލަސްވެފައި ކޮވިޑަށް ފައްސިވާ މީހުން މަދުނުވާތީ އެތައް ބައެއްގެ ކަންބޮޑުވުންތައް ވަނީ އަމާޒު ވެފައެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ޓޯކްޔޯ އޮލިމްޕިކްސް މިހާރު ބޭއްވުމަކީ އެންމެ ރައްކާތެރި ގޮތެއް ނޫނެވެ.

އެކަމަކު ޖަޕާނުގެ ޗީފް ކެބިނެޓް ސެކެޓްރީ ބުނެފައިވަނީ ގިނަ ގައުމުތަކެއް އޮލިމްޕިކްސްގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ޖަޕާން ސަރުކާރުން ބުނެފައިވަނީ ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން ގައިދުރުކަމާއި އެހެނިހެން ސަލާމަތީ ކަންކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.