އެކުވެރި އަރަބި ޢިމާރާތް، ޔޫއޭއީގެ އައްސޭރީގެ ސަރަޙައްދަކުން ދަތުރުކޮށްފައި ދިޔަ އިސްރާއިލްގެ މުދާއުފުލާ ބޯޓަކަށް ޙަމަލާދީފިއެވެ.

އިސްރާއިލްގެ އިދާރާތަކާއި ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުން އެ ބޯޓަށް ޙަމަލާދީފައި ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އިސްރާއިލް އިން ޔޫއޭއީއަށް ދަތުރުކުރަމުން ދަނިކޮށް އެޤައުމުގެ ދެމެދުން ކަނޑުގެ ސަރަޙައްދުގައި ކަމަށެވެ. އަދި މި ބޯޓަށް ޙަމަލާ އަމާޒުވިއިރު ބޯޓު އޮތީ އީރާނުގެ ބޭރުން ޔޫއޭއީގެ ކަނޑުގެ ސަރަޙައްދުގައި ކަމަށްވެސް އިސްރާއިލް އިން ބުނެފައި ވެއެވެ.

ޔޫއޭއީގެ ފުޖައިރާ ކައިރިން މި ބޯޓު ދަތުރުކޮށްފައި ދަނިކޮށް އަމާޒުވި މި ޙަމަލާގައި ބޯޓަށް ކުދިކުދި ގެއްލުން ލިބިފައިވީ ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވެފައިވާ ކަމަށް އިސްރާއިލްގެ އިދާރާތަކުން ބުނެފައި ވެއެވެ. އަދި މި ޙަމަލާގައި ބޯޓުން ދަތުރު ކުރި މީހަކަށްވެސް އަނިޔާއެއް ނުލިބޭކަމަށް އިދާރާތަކުން ބުނެއެވެ.

މި ބޯޓަކީ އިސްރާއިލް އާއި ޔޫއޭއީ އާއި ދެމެދު ދާދިފަހުން ޤާއިމްކުރެވުނު ހާރިޖީ ގުޅުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގެ އެއްބަސްވުމާއެކު ޔޫއޭއީއަށް މުދާ ގެންދާ ކުންފުންޏަކުން އޮޕަރޭޓްކުރާ ބޯޓެކެވެ.

ބޯޓަށް ހަމަލާ އަމާޒުވި މި ހާދިސާއާއި ގުޅިގެން އިސްރާއިލް އިން ތުހުމަތުކޮށްފައި ވަނީ ހަމަލާ ދިނީ ބަޔަކު ރާވައިގެން ކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބީ އިސްރާއިލް އާއި ހަތުރުވެރި އީރާނުގެ ހަނގުރާމަވެރި ޖަމާޢަތްތައް ކަމަށްވެސް އިސްރާއިލް އިން ތުހުމަތު ކުރެއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އީރާނުން އަދި އެއްޗެއް ހާމައެއް ނުކުރެއެވެ. އަދި އީރާނުގެ ޖަމާޢަތަކުން ވެސް މި ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

އިސްރާއިލް އިން ބުނެފައި ވަނީ އީރާނުގައި ހަރަކާތްތެރިވާ މިފަދަ ޖަމާޢަތްތައް ހިންގުމުގައި އެޤައުމުގެ ސަރުކާރުގެ އެއްބާރުލުންވެސް ލިބޭ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ޙަމަލާއަކީވެސް މިގޮތުން ދެވުނު ޙަމަލާއެއް ކަމަށް އިސްރާއިލްގެ އޮފިޝަލުން ބުނެއެވެ.

އިއްޔެގެ ހަމަލާ އަމާޒުވި ޝިޕިންލައިންގެ އެހެން ބޯޓަކަށްވެސް މީގެ ކުރިން މިފަދަ ހަމަލާއެއް ދީފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު އެ ބޯޓަށް ހަމަލާ ދީފައި ވަނީ އޮމާން ސަރަޙައްދުން ދަތުރުކޮށްފައި ދަނިކޮށެވެ. އެ ޙަމަލާ އާއި ގުޅިގެންވެސް އިސްރާއިލް އިން ތުހުމަތުކޮށްފައި ވަނީ އީރާނަށެވެ. ނަމަވެސް އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ.

އިސްރާއިލް އާއި އީރާންގެ ކޯޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މި ކޯޅުންތައް ބޮޑުވެ ދެޤައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ނުރައްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. އީރާނަކީ އިސްރާއިލް އިން މެދުއިރުމަތީގައި ހިންގާ ޖަރީމާތަކާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ޤައުމެވެ. އަދި އެޤައުމަކީ އިސްރާއިލް އިން އެންމެ ޖެހިލުންވާ ޤައުމުވެސް މެއެވެ.