ކޮވިޑް-19 އިން ރައްކާތެރިވުމަށް އެސްޓްރާޒެނެކާ އާއި އޮކްސްފޯޑް ޔުނިވަސިޓީ ގުޅިގެން އުފެއްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން ޑެންމާކުން ހުއްޓާލައިފިއެވެ.

އެގައުމުގެ ހެލްތް މިނިސްޓްރީން ބުނީ ވެކްސިން އެގައުމުގައި ބޭނުން ކުރުން ހުއްޓާލާފައިވަނީ ލޭގަނޑުވުމުގެ މައްސަލަތައް ފެންމަތި ވަމުން އަންނާތީ ކަމަށެވެ.

މި ނިންމުމާއި އެކީ އެގައުމުގައި ވެކްސިން ދިނުން ހަތަރު ވަރަކަށް ހަފްތާއަކަށް ހުއްޓިގެން އަންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގައުމުން ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުން ހުއްޓާލާފައިވާއިރު، މިހާތަނަށް ކޮވިޑް އިން ރައްކާތެރިވުމަށް އެގައުމުގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒު ވަނީ ދީފައެވެ. އޭގެ ތެރެއިން 77 އިންސައްތަ މީހުންނަކީ ފައިޒާ ވެކްސިން ދީފައިވާ މީހުންނެވެ. އަދި 7.8 އިންސައްތަ މީހުންނަށް މޮޑާނާ ވެކްސިން ދީފައިވާއިރު، ކޮވިޝީލްޑް ވެކްސިން ދީފައިވަނީ 15.3 އިންސައްތަ މީހުންނަށެވެ.

ޑެންމާކަކީ މިއަހަރު ފެށުނު ފަހުން ކޮވިޝީލްޑް ވެކްސިނުން ލޭގަނޑުވުމުގެ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން އެންމެ ފުރަތަމަ ވެކްސިން ދިނުން މެދުކަނޑާލާފައިވާ ގައުމެވެ. އޭގެ ފަހުން ޖަރުމަންވިލާތާއި ފްރާންސުން ވެސް ވެކްސިން ދިނުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން ވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވަނީ ކޮވިޝީލްޑް ވެކްސިން ދިނުން މެދުކަނޑާލާފައެވެ.

ކޮވިޝީލްޑް ވެކްސިންގެ ސަބަބުން ލޭގަނޑުވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވީ ނަމަވެސް، އެސްޓްރަޒެނެކާއިން ވަނީ ވެކްސިން އުފައްދާފައިވަނީ އިންސާނުންނަށް ރައްކާތެރި ގޮތަށް ކަމަށް ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ...