ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާނީ 30 މީހުން ކަމަށް އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ބުނެފިއެވެ. އާއްމު ގޮތެއްގައި އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޖަނާޒާގައި 800 މީހުން ބައިވެރިވެއެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވާނީ އެންމެ ގާތް އާއިލާ މެންބަރުންނެވެ. ނަމަވެސް ޕްރިންސް ފިލިޕް އަށް މުނިކާފަ ވިދާޅުވާ ޕްރިންސެސް ޗާލޮޓް އާއި ޕްރިންސް ޖޯޖް ޖަނާޒާގައި ބައިވެރިވެ ވަޑައެއް ނުގަންނަވާނެއެވެ. އެއީ އުމުރުން މާބޮޑަށް ހަގުވުމުންނެވެ.

މިދިޔަ ހުކުރު ދުވަހު އަވަހާރަވި ޕްރިންސް ފިލިޕްގެ ޖަނާޒާ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ޖަނާޒާގައި އެއްމިނެޓްގެ ހަމަހިމޭންކަމުގެ ސުކޫތެއް ގެންނާނެއެވެ. މިސުކޫތުގައި އިނގިރޭސިވިލާތުގެ ހުރިހާ ރައްޔިތުން ބައިވެރިވާނެއެވެ.

ރާނީ އެލިޒަބަތުގެ އިތުރުން ޖަނާޒާގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ޕްރިންސް ޗާލްސް، ޕްރިންސެސް އާން، ޕްރިންސް ވިލިއަމް، ޕްރިންސް ހެރީ، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް އެވެ.

ޖަނާޒާގައި ބައިވެރިވާނީ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ 20 މެންބަރުންނާއި ޖަރުމަންވިލާތުގައި އޮންނަ ޕްރިންސް ފިލިޕްގެ އާއިލާގެ 10 މެންބަރުންނެވެ. ޖަރުމަންވިލާތުގައި އޮންނަ ޕްރިންސް ފިލިޕް އާއިލާ މެންބަރުން އޭނާގެ ޖަނާޒާގައި ބައިވެރި ކުރުން އެއީ ޕްރިންސް ފިލިޕްގެ ވަސިއްޔަތެކެވެ.

ޖަނާޒާގައި ބައިވެރިވެވޭނެ މީހުންގެ އަދަދު މަދުކޮށްފައި ވާތީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އަށް ވެސް ޕްރިންސް ފިލިޕްގެ ޖަނާޒާގައި ބައިވެރިވެ ވަޑައެއްނުގެންނެވޭނެއެވެ.

ޕްރިންސް ފިލިޕްގެ ޖަނާޒާ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދުރަށް ދައްކާނެއެވެ. ޖަނާޒާ އޮންނާނީ އިނގިރޭސިވިލާތުގެ ގަޑިން ހޮނިހިރު ދުވަހު މެންދުރު ފަހު 14:30 ގައެވެ. އެއީ ރާއްޖޭގެ ގަޑިން އިރުއޮއްސި 18:30 އެވެ.