އިންޑިޔާގެ ބެންގަލޫރުގައި ކޮވިޑު ޖެހިފައިވާ 3000 މީހުން ގެއްލިއްޖެ އެވެ.

އެ މީހުން ގެއްލިފައިވާކަމަަށް ކަރްނާޓާގެ ރެވެނިއު މިނިސްޓަރ އާރް އަޝޯކް އިންޑިޔާގެ ނޫހަކަށް މައުލޫމާތުދެމުން ވަނީ ވިދާޅުވެފައެވެ. މި މީހުން ހޯދުމަށް ފުލުހުންގެ އެހީއަށް މިހާރު ވަނީ އެދިފައެެވެ.

''ބެންގަލޫރުގައި 3000 ހާ ކޮވިޑު ޖެހިފައިވާ މީހުން އެމީހުންގެ ފޯނުތައް ނިއްވާލާ ދިރިއުޅޭ ގެ ދޫކޮށް ފިލައިފި. އަހަރެމެންނަކަށް ނޭނގެ އެމީހުން ދިޔަ ތަނެއް ވެސް. އެންމެ ފަަހު ވަގުތުގައި ހޮސްޕިޓަލަށް ދިޔުމަކީ ރަނގަޅު ގޮތެއް ނޫން. މިކަމުގެ ސަބަބުން ކޮވިޑް ޖެހޭ ފަރާތްތައް ދާނީ އިތުރުވަމުން. ހާލަތު ދާނީ ގޯސްވަމުން'' މިނިސްޓަރ އަޝޯކް ބުނެފައިވެއެވެ.

ކޮވިޑަށް ފައްސިވެފައިވާ ފަރާތްތަކުން ފޯނު ހުޅުވާފައި ބޭއްވުމާއި ފޯނަށް ޖަވާބުދާރީވުމަކީ މުހިންމު ކަމެކެވެ. މިކަމުން ކޮންޓެކްޓް ޓްރެސިންއަށް ވެސް ފަސޭހަވާނެ ކަމަށާއި އިތުރު ފިޔަވަޅުތައް އެޅުމުގައި ފަސޭހަވާނެ ކަމަށް ވެސް މިނިސްޓަރ އަޝޯކް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ އަޝޯކް ވަނީ ވަރަށް އާދޭހާއި އެކު މިފަދަ އަމަލުތައް ނުކުރުމަށް ގޮވާލައިފައެވެ. އަދި އެންމެ ފަހު ވަގުތު އައިސީޔޫއިން އެނދެއް ހޯދަން އުޅުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.

ހެލްތް މިނިސްޓަރ ކޭ ސުދާކަރު ވެސް ވަނީ މި މައްސަލަ ފާހަގަ ކުރައްވާފައެވެ. ސުދާކަރު ވިދާޅުވެފައިވާގޮތުގައި ބެންގަލޫރުގެ ރައްޔިތުންގެ 20 އިންސައްތަ މީހުން މިފަދަ މުހިންމު ފޯނު ކޯލުތަކަށް ޖަވާބު ނުދޭ މައްސަލަ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވެފައިވާ ކަމަށެވެ.

މިފަދަ މީހުން ގިނަ ފަހަރަށް ހޯދަނީ ފުލުހުން ކަމަށް ވެސް ސުދާކަރު ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު