ލަންކާގެ ކޮވިޑް-19 ހާލަތު ގޯސްވެ މުއްދަތެއް ނެތްގޮތަށް ލަންކާގެ ސްކޫލްތައް ބަންދުކޮށްފިއެވެ.

އެ ގައުމުގެ ޑޭކެއާ ސެންޓަރުތަކާއި، ޕްރީސްކޫލް، ސްކޫލް އަދި މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަން ބަންދުކުރަން ވެސް އެ ގައުމުގެ ސިއްހީ ވުޒާރާ އިން ވަނީ ނިންމާފައެވެ.

ލަންކާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ އެ ގައުމުގައި ކޮވިޑް ވޭދަނަތައް އިތުރުވަމުން ދާތީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ތައުލީމު އުނގަންނައިދޭ ތަންތަން ބަންދުކުރަން ނިންމާފައެވެ. އަދި ސިއްހީ ވުޒާރާއިން ވަނީ ބޮޑެތި ހަފްލާތައް ބޭއްވުމަށް ހުއްދަދޭ ހާލަތުތައް ވެސް ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ލަންކާގެ ސިއްހީ ވުޒާރާ އިން ވަނީ ވަކިގޮތެއް އަންގަންދެން ބޮޑެތި ހަފްލާތަކާއި އެއްވުމާއި މީހުން ގިނައިން ގޮސް އުޅޭ ތަންތަނުގައި އަމަލު ކުރާ ގޮތުގެ އުސޫލުތަކަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ސްރީލަންކާއިން މިހާރު އަންނަނީ ރެކޯޑް އަދަދަަކަށް މީހުން ކޮވިޑް-19 އަށް ފައްސިވަމުންނެވެ. ލަންކާގެ ހެލްތް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން އިއްޔެ އެ ގައުމުން 1،716 މީހުން ވަނީ ފައްސިވެފައެވެ. މިއީ އެގައުމުން މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ފާއިތުވެދިޔަ ފަސް ދުވަސް ތެރޭގައި އެ ގައުމުން ކޮވިޑް-19 އަށް ފައްސިވާ ނިސްބަތަށް ބަލާނަމަ ދުވާލެއްގެ މައްޗަށް 1000 އެއްހާ މީހުން ދަނީ ފައްސިވަމުންނެވެ. ލަންކާއިން މިހާތަނަށް 109،863 މީހުން ފައްސިވެފައިވާ އިރު މިހާތަނަށް ކޮވިޑު ޖެހިގެގެން އެ ގައުމުން 678 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަނާޒާ

    ލަންކާގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ތައުލީމު އުނގަންނައިދޭ ތަންތަން ބަންދުކުރުން: މި ރާއްޖޭގައި މިހަދަނީ ކިހިނެއްބާ!