އިސްރާއީލުން ޣައްޒާގައި ހިންގި ގަތުލުއާންމު އދގެ އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ކުށްވެރި ކޮށް ގަރާރެއް ފާސްކޮށްފިއެވެ.

މިގަރާރު ފާސްކުރުމަށް އދގެ މެމްބަރު 193 ގައުމުގެ ތެރެއިން 120 ގައުމުން ވޯޓްދީފައި ވާއިރު، އދގެ އާންމު މަޖިލީހަށް މި ގަރާރު ހުށައެޅީ އިސްލާމީ ގައުމުތަކުގެ ފަރާތުން ތުރުކީއާއި، އަލްޖީރިއާއިން ނެވެ.

އެ ގަރާރުގައި، އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގައި ހިންގި ގަތުލުއާންމުތަކާ ގުޅިގެން އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ. މިގަރާރަކީ، އދގެ ސަލާމަތީ މަޖިލީހަށް އަރަބި ގައުމުތަކުގެ ފަރާތުން ކުވައިތު ހުށަހެޅި ގަރާރާ އެއްގޮތް ގަރާރެކެވެ.

ގަރާރާ ދެކޮޅަށް ވޯޓްދިނީ އެންމެ 8 ގައުމެވެ. އަދި 45 ގައުމުން ވޯޓްގައި ބައިވެރިނުވެއެވެ. އދގެ އާންމު މަޖިލީހުން މިގަރާރު ފާސްމިކުރީ، އެގަރާރު ފާސްވިޔަނުދިނުމަށް އެމެރިކާއިން ވަރަށް ގިނަ މަސައްކަތް ކުރަމުންދަނިކޮށެވެ.

މީގެ އިތުރަށް ރޭ ވޯޓަށް އެހި އެމެރިކާއިން ހުށަހެޅި އިސްލާހު މެމްބަރު ގައުމުތަކުން ވޯޓުން ވަނީ ފެއިލް ކޮށްލާފައެވެ. އެމެރިކާއިން ބުނަމުންދިޔައީ އިސްރާއީލާއި ދެކޮޅަށް ތުރުކީއާއި، އަލްޖީރިއާއިން ހުށަހަޅާފައިވާ ގަރާރަކީ ވަކިފަރާތަކަށް ޖެހިފައިވާ ގަރާރެއް ކަމަށެވެ.

މިދިޔަ ހަފްތާގައި ކުވައިތުން ހުށަހެޅި ގަރާރުގައި، އިސްރާއީލު ކުށްވެރި ކުރުމުގެ އިތުރުން، އިސްރާއީލުގެ އުދުވާނުތަކުން ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރުމަށްވެސް ހުށަހަޅާފައި ވެއެވެ. ނަމަވެސް މިދިޔަ ހަފްތާގައި އދ ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވަނީ ވީޓޯގެ ބޭނުންކޮށް ނާކާމިޔާބު ކޮށްލާފައެވެ.

ފަލަސްތީނު މީހުންގެ ބިމަށް ގަދަކަމުން ވެރިވެގެން ތިބި އިސްރާާއީލް ސިފައިން ދަނީ ބަޑިން ހަމަލާދީ މުޒާހަރާގެ ގިނަ ބައިވެރިންނެއް ޝަހީދުކޮށްލާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ދެމުންނެވެ. މި މުޒާހަރާ ކުރިޔަށް ދާތާ 2 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އިސްރާޢީލް ސިފައިންގެ ރަޙުމް ކުޑަ ހަމަލާތަކުގެ ޝިކާރައަކަށްވެ، ޖުމްލަ 140 މީހުންވަނީ ޝަހީދުވެފައެވެ. އަދި 13،000 އަށްވުރެ ގިނަ މީހުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

އެމެރިކާ އެމްބަސީ ގުދުސްގައި ހުޅުވި ދުވަސްކަމަށް މެއިމަހުގެ 14 ވަނަ ދުވަހު އެކަނިވެސް އިސްރާއީލުން ފަލަސްތީނުގެ 65 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އަދި އެތައްހާސް އާންމުން ޒަޚަމްކޮށްލާފައި ވެއެވެ.