މިދިޔަ ހޯމަ ދުވަހުން ފެށިގެން އިސްރާއިލުން ހުއްޓުމެއް ނެތި ދިޔައީ ޣައްޒާއަށް ހަމަލާ ދެމުންނެވެ. ހަމަލާތައް އިތުރަށް ވަރުގަދަކޮށް، އިސްރާއިލް ސިފައިންގެ އަނިޔާވެރިކަން އިއްޔެ އިން ފެށިގެން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މީހުން ދިރިއުޅޭ ސަރަހައްދު ތަކަށާއި، ރެފިއުޖީ ކޭމްޕުތަކަށް އަމާޒުކޮށް ވައިގެ މަގުން އެތައް ހަމަލާއެއް މިހާރު ވެސް ވަނީ ފޮނުވާލާފައެވެ. މި ހަމަލާ ތަކުގެ ތެރެއިން ޣައްޒާގައި މީހުން ދިރިއުޅޭ 500 އަށް ވުރެ ގިނަ ހައުސިންގް ޔުނިޓް ފަނާ ކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުން އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގެ ސަބަބުން ގިނަ އަދަދެއްގެ ފިހާރަ ތަކެއް ސުންނާފަތިވެ، ކަރަންޓުގެ މައްސަލައެއް ދިމާވެ ޣައްޒާގެ ބައެއް ހިސާބުތަކުން ކަރަންޓުގެ ހިދުމަތް ވެސް ވަނީ ކެނޑިފައެވެ.

ހޯމަ ދުވަހުން ފެށިގެން އިސްރާއިލުން ދެމުން ދިޔަ އަނިޔާވެރި ހަމަލާ ތަކުގެ ސަބަބުން ފަަލަސްތީނުގެ 137 މީހަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އިން ރިޕޯޓް ކުރެއެވެ. އޭގެ ތެރޭގައި 36 ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަމަލާ ތަކުގައި ޒަހަމްވި މީހުންގެ އަދަދު 920 އަށް ވުރެ ގިނަައެެވެ.

ގެތަކަށް ބޮން އަޅާ ހަމަލާ ދިނުމުގެ ސަބަބުން ފަލަސްތީނުގެ ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދަނީ ޣައްޒާގައި އިމާރަތް ކުރެވިފައި ހުރި މަދަރުސާ ތަކުގައެވެ. ހަމަލާ ތަކުގެ ސަބަބުން ގެދޮރު ހަލާކުވި، އަދި ގެދޮރު ދޫކޮށް ނުކުންނަން މަޖުބޫރު ވެފައިވާ މީހުންގެ އަދަދު 10،000 އަށްވުރެ ގިނަ ކަމަށް އދ.އިން ބުނެއެވެ.

މުސްލިމުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގެ ބަދަލުގައި ހަމާސްއިން ދަނީ އިސްރާއިލަށް ހަމަލާ ދެމުންނެވެ. މިހާތަނަށް އިސްރާއިލުގެ 9 މީހަކު މަރުވެފައިވާ ކަމަށް އިސްރާއިލުގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އިސްރާއީލުގެ ހަމަލާ ތަކުގެ ސަބަބުން ޣައްޒާއަށް 73 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ޣައްޒާއިން ރިޕޯޓު ކޮށްފައިވެއެވެ.