ފަލަސްތީނުގެ ޣައްޒާގައި ހުރި ކޮވިޑް-19 ލެބޯޓަރީ އަށް އިސްރާއީލުން ދިން ހަމަލާއެއްގައި އެތަން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެއްޖެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔަކު ރިޕޯޓު ކޮށްފައިވާ ގޮތުން އެ ލެބޯޓަރީ އަކީ ޣައްޒާގައި ހުރި ކޮވިޑް-19 ޓެސްޓު ކުރެވޭ ހަމަ އެކަނި ތަނެވެ.

މި އިމާރާތައް ގެއްލުން ވެފައިވަނީ ހޯމަ ދުވަހު ޣައްޒާގެ ކްލިނިކްތަކާ ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިސްރާއިލުން ދެމުން ގެންދިޔަ މިސައިލް ހަމަލާއެއްގައެވެ.

https://twitter.com/LinahAlsaafin/status/1394341622729646085?s=20

ޣައްޒާގައި ހުރި އަލް-ރިމާލް ކްލިނިކަށް އިސްރާއިލުގެ މިސައިލް ހަމަލާއިން ގެއްލުން ވެފައިވާއިރު، ހެލްތް މިނިސްޓްރީ އާއި ޣައްޒާގައި ހުރި ގަތަރުގެ ރެޑް ކްރެސެންޓް އޮފީހަށް ވެސް ވަނީ ހަމަލައިގައި ގެއްލުން ވެފަައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ހެލްތް މިނިސްޓްރީގެ ތަރުޖަމާނު ބުނެފައިވަނީ މިނިސްޓްރީގައި ތިބި މެޑިކަލް އޮފިސަރުންނަށް އަނިޔާވެފައިވާ ކަމަށެވެ. ބައެއް މީހުން ޒަހަމްތަކުގެ ސަބަބުން ހާލު ސީރިއަސް ވެފައިވާއިރު، ހަމާސްގައި ފަސްޓް އެއިޑް ދިނުމަށް މަސައްކަތް ކުރާ މީހުންނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ވުމުގެ ކުރިން ދުވާލަކު އެވަރެޖް ކޮށް 1،600 މީހުން ކޮވިޑަށް ޓެސްޓު ކުރާ ކަމަށް ބުނެފައިވެއެވެ. ކޮވިޑަށް ފައްސިވާ މީހުންގެ ރޭޓަކީ 28 އިންސައްތަ ކަމާއި ހޮސްޕިޓަލުތަކުގައި ގިނަ ބަޔަކު އެނދުމަތިކޮށް ފަރުވާ ދޭން އުނދަގޫވާ ފަހަރު އަންނަ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އިސްރާއީލްގެ ހަމަލާއިން މިހާރު ވަނީ ޣައްޒާގައި ކޮވިޑް ޓެސްޓް ނުކުރެވޭނެހާ ބޮޑަށް ލެބޯޓަރީއަށް ގެއްލުން ވެފައެވެ.