އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކާއި މާބަނޑު އަންހެއްގެ އިތުރުން ތުއްތު ކުއްޖަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝަހީދު ކޮށްލާފައިވާ އެމީހުންނަކީ އެއީ އާއިލާއެއްގެ ބައެކެވެ. އެގޮތުން ޝަހީދު ކޮށްލާފައިވަނީ އުމުރުން 33 އަހަރުގެ އާއިދް ސަލްހާ އާއި އޭނާގެ އަނބިމީހާ 33 އަހަރުގެ އަމާނީގެ އިތުރުން އެމީހުންގެ ތިން އަހަރުގެ އަންހެން ދަރިފުޅެވެ.

އެމީހުން ޝަހީދު ކޮށްލާފައިވަނީ މެންދުރުގެ ނާސްތާއަށް ތައްޔާރު ވަމުން ދަނިކޮށް އިސްރާއީލުން ފޮނުވާލި މިސައިލް ހަމަލާއެއްގައި އިއްޔެގެ ވަގުތެއްގައެވެ.

ޣައްޒާގެ މެދުތެރޭގެ ހިސާބަތަކަށް ފޮނުވާލި މި މިސައިލް ހަމަލާގައި އެ އިމާރާތް ބިމާއި ހަމަވިއެވެ. އަދި އިމާރާތުގެ އެހެން ފަންގިފިލާތަކުގައި ތިބި މީހުންނަށް އެކި ކަހަލަ ޒަހަމްތަކެއް ލިބިފައިވާއިރު، ގިނަ ބަޔަކު ވަނީ ޝަހީދު ވެފައެވެ.

އާއިދް ސަލްހާގެ ބޭބެ އުމަރު ސަލްހާ ބުނެފައިވަނީ އޭނާގެ ބޭބެއަށް ނުހިނގޭތާ 14 އަހަރު ވެފައިވާ ކަމަށާއި އޭނާ އަކީ އެއްވެސް ގޮތަކަށް ހަތިޔާރު ހިފައިގެން ހަނގުރާން މައްޗަށް ނުވަތަ އެފަދަ ކަމެއްގައި އުޅޭ މީހެއް ނޫން ކަމަށެވެ.

"ބޭބެގެ ކުށަކީ ކޮބާ؟ އޭނާ ހަމަ އެ ހުންނަނީ 2 ފުރޮޅުލީ ގޮނޑީގައި؟ އޭނާގެ ދަރިފުޅުގެ ކުށަކީ ކޮބާ؟ އަންހެނުންގެ ކުށަކީ ކޮބާ؟" އޭއެފްޕީ އާއި ވާހަކަ ދައްކަމުން އުމަރު ބުންޏެވެ.

ޣައްޒާގެ ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 64 ކުޑަކުދިން ހިމެނޭ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.