ކޮވިޑް-19 ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ރިޕޯޓް ކޮށްފައިވާ މިންވަރަށްވުރެ އިތުރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވިދާޅުވެއްޖެ އެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 ޖެހިގެން މިއަދާއި ހަމައަށް ދުނިޔެއިން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ 3.4 މިލިއަން މީހުންނެވެ. އެހެން ނަމަވެސް ސިއްހަތު ޖަމްއިއްޔާއިން ވިދާޅުވެފައި ވަނީ އެ އަދަދު ގޯސްވެދާނެ ކަމަށާއި އެގޮތަށް 6 މިލިއަން ނުވަތަ 8 މިލިއަން މީހުން މަރުވެފައި ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އެކަން އެ ޖަމްއިއްޔާއިން ނެރެފައިވާ ތާފާސް ހިސާބުތަކުން ވެސް އެނގެން ހުރި ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އެރިޕޯޓުން ބުނާ ގޮތުގައި 2020 ވަނަ އަހަރު އެންމެ މަދުވެގެން 3 މިލިއަން މީހުން ކޮވިޑް ޖެހިގެން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި މަރުވުމަށްފަހު ފައްސިވެފައިވާ މީހުން ވެސް ހިމެނެއެވެ.

"މަރުވާ މީހުންގެ ޖުމްލަ އަދަދު ރިޕޯޓް ކުރާ ވަރަށްވުރެ ދޭއް ނުވަތަ ތިންގުނަ އިތުރު" ސިއްހަތު ޖަމްއިއްޔާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ސާމިރާ އަސްމާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ޖަމްއިއްޔާއިން އަންނަނީ ގައުމުތަކާއި ގުޅިގެން މިއާލަމީ ވަބާގެ ސަބަބުން ކުރިމަތިވަމުން އަންނަ ދަތިތަކާއި އުނދަގޫތައް ބަލައި މައުލޫމާތު އޮޅުން ފިލުވަމުންނެވެ. އެއީ އެފަދަ އެހެން ހާދިސާއެއް ކުރިމަތިވެއްޖެނަމަ، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރިޕޯޓް ކޮށްފައިވާ 3.4 މިލިއަން މަރަކީ އެ ބައްޔަށް ފައްސިވެފައިވާ 165 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން މަރުވި މީހުންނެވެ.