ޓިއުބަކަށް ނޭވާ ލައިގެން މިނިޓެއްގެ ތެރޭގައި ކޮވިޑް-19ގެ އަސަރު ގައިގައި ހުރިތޯ ޓެސްޓު ކުރެވޭ ވަސީލަތަކަށް ސިންގަޕޫރުގެ ކަމާއިބެހޭ އިދާރާތަކުން ހުއްދަ ދީފިއެވެ.

ބްރީތޮނިކްސް ކުންފުނިން މިހާރު މަސައްކަތް ކުރަމުންދަނީ ހެލްތް މިނިސްޓްރީ އާއި ގުޅިގެން މި ޓެކްނޮލޮޖީގެ ޓެސްޓުތައް ކުރުމަށް ކަމަށެވެ.

ނޭވާއިން ކުރާ ކޮވިޑް ޓެސްޓު ކުރުމުން މިހާރު ކުރަމުންދާ ކޮވިޑް އެންޓިޖެން ޓެސްޓު ކުރަން ނުޖެހޭނެ ކަމަށް ރިޕޯޓުތައް ބުނެެއެވެ.

ސިންގަޕޫރުގައި ކުރެވުނު ކްލިނިކަލް ޓްރިއަލްއިން ދައްކާގޮތުން ބްރީތް ޓެސްޓުން 90 އިންސައްތަ ނަތީޖާ ދިމާވާކަމަށް މިދިޔަ އަހަރު އެ ކުންފުނިން ބުނެފައިވެއެވެ. ކޮވިޑް ޓެސްޓު ކުރުމަށް ބްރީތް ޓެސްޓު ކުރަން ހުއްދަ ދީފައިވާކަން ސިންގަޕޫރުގެ ހެލްތް ސައިންސެސް އޮތޯރިޓީގެ ވެބްސައިޓުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބްރީތް ޓެސްޓުގެ ޓްރިއަލް ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ތިން ސަރަހައްދެއްގައެވެ.

ބްރީތޮނިކްސްއިން ތައްޔާރު ކޮށްފައިވާ ސިސްޓަމް ބޭނުންކޮށްގެން ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުން ކުރެވެނީ ޑިސްޕޯސަބްލް މައުތްޕީސް އެކެވެ. ޑިވައިސްއަށް ނޭވާ ލުމުން ޓެކްނޮލޮޖީ މެދުވެރިކޮށް ކެމިކަލް ކޮމްޕައުންޑްސް ދެނެގަނެ، ކޮވިޑް ޖެހިފައިކަން ނުވަތަ ނޫންކަން ދެނެގަނެއެވެ.

ކުންފުނިން ބުނެފައިވަނީ ބްރީތް ޓެސްޓު ކުރާ މީހުންގެ ތެރެއިން ކޮވިޑަށް ފައްސިވާ މީހުން ޕީސީއާރް ނުވަތަ ކޮވިޑް ސްވެބް ޓެސްޓު ކުރަންޖެހެއެވެ.

ބްރީތޮނިކްސް ކުންފުނިން ބުނި ގޮތުގައި މި ސިސްޓެމް ބޭނުން ކުރުމަށް ވަނީ އެހެން ގައުމުތަކާ މަޝްވަރާ ކުރެވިފައެވެ. އެގޮތުން، ބައެއް ގައުމުތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވާއިރު އިންޑޮނޭޝިއާ އަދި ނެދަލޭންޑުން މި ބްރީތް ޓެސްޓު ކުރަން ފެށުމުގެ މަސައްކަތް ކުރިއަށް ގެންދަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.