މިޔަންމާ އިން ބޭރުގެ އުދުހުންތައް އެއް މަސް ދުވަހަށް ކެންސަލްކޮށްފިއެވެ.

މިޔަންމާ ސަރުކާރުން އެގޮތަށް ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ޖުލައި މަހުގެ ފަހުކޮޅާ ހަމައަށެވެ.

ޒިންހުއާ އެޖެންސީ އިން ރިޕޯޓު ކުރާ ގޮތުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން މިގޮތަށް ނިންމައި އިތުރު އެހެން ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ ނިންމައިފައެވެ.

މިޔަންމާގެ ހެލްތް އެންޑް ސްޕޯޓްސް މިނިސްޓްރީން ހާމަކުރާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިޔަންމާ އިން 45 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި އާދީއްތަ ދުވަހާ ހަމައަށް މިޔަންމާގައި ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 143،571 އަށް އަރައިފައެވެ.

ކޮވިޑް-19 ހުރިތޯ ބެލުމަށް މިހާތަނަށް މިޔަންމާގައި 2.61 މިލިއަން މީހުންގެ ސުންކު ނަގާފައިވާ އިރު އާދީއްތަ ދުވަހުގައި އެކަނިވެސް 912 މީހުންގެ ސުންކު ވަނީ އެ ގައުމުން ނަގައިފައެވެ.

މިޔަންމާ ސަރުކާރުން ހާމަކުރާ ގޮތުގައި ކޮވިޑް ޖެހިގެން މިހާތަނަށް އެ ގައުމުން 3،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ކޮވިޑްގެ ފުރަތަމަ ވޭދަނަ މިޔަންމާއިން ފެނިފައި ވަނީ ފާއިތުވި އަހަރުގެ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ޗައިނާ އިން ފުރަތަމަ ފެނުނު ކޮވިޑް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި ކޮވިޑްގެ ދެ ވަނަ ވައްތަރެއްވެސް އެކި ގައުމުތަކުގައި ފެތުރެމުންދާކަން ފާހަގަ ކުރެވެއެވެ. އަދި ފަހުން ފެތުރެމުންދާ ކޮވިޑްގެ ވައްތަރަކީ ކުރިން ފެނުނު ވައްތަރަށްވުރެ ނުރައްކާތެރި ވައްތަރެއް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.