ބަހްރެއިންގައި ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ ހަމަސް ވެފައިވާ ބައެއް މީހުންނަށް ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބައިނަލްއަގުވާމީ ބޮޑެތި ބައެއް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

ދުނިޔޭގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓްގައި ވަނީ ސިނޮފާމް ވެކްސިން ފުރިހަމަ ކުރި މީހުންނަށް ފައިޒާ ވެކްސިންގެ ޑޯޒެއް ދިނުމަށް ނިންމާފައި ވަނީ ބަހްރެއިން އަށް ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅު އަރާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

ބަހްރެއިން ސަރުކާރުން ވަނީ އެ ގައުމުގައި ސިނޮފާމް ވެކްސިން ފުރިހަމަ ކުރި މީހުން، ބައެއް މީހުން ފައިޒާ ވެކްސިންގެ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ސަރުކާރުން ލަފާ ދީފައި ވަނީ ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން ފައިޒާ ވެކްސިންގެ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށެވެ.

ބަހްރެއިންގެ އަންޑަ ސެކްރެޓަރީ އޮފް ހެލްތު، ވަލީދު ހާލިފާ އަލް މަނިއާ ވިދާޅުވީ ސިނޮފާމް ވެކްސިނުން ވެސް ކޮވިޑަށް ރައްކާތެރިކޮށްދޭ މިންވަރު އިތުރު ކަމަށެވެ. އެކަމަކު، ދިފާއީ ނިޒާމު ބަލިކަށި މީހުން ފައިޒާ ވެކްސިން ޖަހަން ޖެހޭ ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

އެސޯސިއޭޓަޑް ޕްރެސް (އޭޕީ) ގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ބަހްރެއިންގައި ވެކްސިން ފުރިހަމަ ކުރާތާ ހަ މަސް ދުވަސްވެފައިވާ މީހުންނަށް އެމީހަކު ބޭނުންވާ ވެކްސިންގެ އިތުރު ޑޯޒެއް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ހެލްތު މިނިސްޓްރީގެ ހުރިހާ ޑޭޓާތަކެއް ދައްކާ ގޮތުގައި ބަހްރެއިންގައި ބޭނުން ކުރާ ހުރިހާ ވެކްސިނެއް ވެސް ކޮވިޑް-19 އިން ވަރަށް ބޮޑަށް ރައްކާތެރިކޮށްދޭ،" އޭޕީއާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޖާނަލް އޮފް ދަ އެމެރިކަން މެޑިކަލް އެސޯސިއޭޝަންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން ފައިޒާ ވެކްސިނާއި ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިންގެ އެފިކެންސީ ރޭޓު އުޅެނީ 73 އިންސައްތަ އާއި 78 އިންސައްތައާ ދެމެދުގައެވެ.

ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ބައެއް މީހުން އިތުރު ޑޯޒެއް ޖަހަން ޖެހުނެވެ. ސިނޮފާމް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދިނީ ދާދި ފަހަކުންނެވެ.