ސައުދީން ވަނީ ލުބުނާނުން އެތެރެކުރާ ހުރިހާ ތަކެތި މަނާކޮށް، ލުބުނާނުގެ ސަފީރަށް ސައުދީ އަރަބިއްޔާއިން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ.

ސަފީރު ގައުމުން ބޭރުކުރަން ނިންމާފައިވަނީ ޔަމަނު ހަނގުރާމައާ ގުޅޭ ގޮތުން ލުބްނާންގެ މިނިސްޓަރަކު ސައުދީ އަރަބިއްޔާ އަށް އިހްތިރާމު ކުޑަކޮށް ވާހަކަ ދެއްކެވި މައްސަލާގައެވެ.

އަދި ސައުދީ އަރަބިއްޔާއިން ވަނީ އެގައުމުގެ ރައްޔިތުންނަށް ލުބުނާނަށް ދަތުރުކުރުން މަނާކޮށްފައެވެ.

"ފިޔަވަޅުތައް އެޅުމުގައި ރަނގަޅުގޮތް އިހްތިޔާރު ނުކުރުމުގެ ސަބަބުން ލުބުނާނުގެ ސަރުކާރާއެކު އޮތް ގުޅުމުގެ ނަތީޖާއާ މެދު ސައުދީ ސަރުކާރުން ހިތާމަކުރަން" އެސްޕީއޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން، ބަހްރެއިންގެ ހާރިޖިއްޔާއިންވަނީ ލުބުނާނުގެ ސަފީރު ދެދުވަހުގެ ތެރޭގައި ގައުމުން ބޭރަށް ވަޑައިގަތުމަށް އަންގާފައެވެ. ބަހްރެއިންގެ ހާރިޖިއްޔާއިން މި އެންގުން އަންގާފައިވަނީވެސް އެ ސަބަބާއި ގުޅިގެން ކަމަށް ބުނެފައިވެއެވެ.

ޔަމަނު ހަނގުރާމައިގައި ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން އަދާކުރާ ދައުރަށް ލުބްނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ކޯޑާހީ ފާޑުވިދާޅުވި މައްސަލަ ހޫނުވެ، ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އިން އެ ގައުމުގެ ސަފީރު ހާޒިރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ހޯމަ ދުވަހު ޓީވީން ދެއްކި އިންޓަވިއުއެއްގައި ކޯޑާހީ ވިދާޅުވީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިން ދިފާއުވާން މަސައްކަތް ކުރަނީ ބޭރުގެ ހަމަލާތަކާ ދެކޮޅަށް ކަމަށާއި ސައުދީގެ އަސްކަރީ ކޯލިޝަނުން ގެތަކާއި، އަވަށްތަކަށް ބޮން އަޅަމުންދާ ކަމަށެވެ.

އިއްޔެ ހަވީރު ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މިކާޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސައޫދީ ގެ މި ފިޔަވަޅުތަކާ މެދު "ހިތާމަކުރައްވާ" ކަމަށެވެ.

"އަރަބި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި މި ކާރިސާއިން އަރައިގަތުމަށް މަސައްކަތްކޮށް، އެހީތެރިވުމަށް ވެސް އަޅުގަނޑުމެން އަރަބި ލީޑަރުންނަށް އިލްތިމާސް ކުރަން،" މިކާޓީ ވިދާޅުވެފައިވެއެވެ.

މި ހަފްތާގެ ކުރީކޮޅު ސައުދީ އަރަބިއްޔާ، ޔޫއޭއީ، ކުވައިތު އަދި ބަހްރެއިން އިން ވަނީ މި ވާހަކަތަކާ ގުޅިގެން ލުބުނާނަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން ހާޒިރުކޮށްފައެވެ. ގަތަރާއި އޮމާން ހިމެނޭ ގޮތަށް ހަ ގައުމު ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ވެސް ވަނީ ކޮރްދާހީގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.