ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް، ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ(ބަޓެލްކޯ)ގެ ޗެއާމަން ޝައިޚް އަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި، ބަޓެލްކޯގެ ޗެއާމަން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަންވެސް ރައީސްއާ ހިއްސާކުރެއްވިއެވެ. އަދި އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ (ބަޓެލްކޯ)ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިޔަށް އޮތްތަނުގައިވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.