ބޭނުންވާ މީހާއާ ކައިވެނި ކުރަން ބައްޕަގެ ފަރާތުން ހުއްދަ ނުލިބުމުން ބަހްރައިން އަންހެނަކު އޭނާގެ ބައްޕައާ ދެކޮޅަށް މައްސަލަ ބަހްރައިނީ ހައި ޝަރިއަތް ކޯޓަށް ހުށަހަޅައިފިއެވެ.

މިީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބައްޕައާ ދެކޮޅަށް އެ އަންހެން މީހާ ހުށަހެޅި މައްސަލަ ވަނީ ކޯޓުން ބަލައިގަނެފައެވެ. މިއާއެކު އޭނާއަށް ބައްޕަގެ ހުއްދަ ނެތި ކައިވެނި ކުރެވޭނެ ކަމަށް ބުނެފައި ވެެއެވެ.

އެ އަންހެން މީހާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ،އޭނާ ބޭނުންވާ މީހާއާ ކައިވެނި ކުރުމަށް އެތައް ގޮތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އަދި ކައިވެނި ނުކުރެވޭނެ ކަމަށް އުޒުރެއް ކަމަށް ދައްކަނީ ބަލައިގަނެވޭނެ އުޒުރެއް ނޫން ކަމަށް ބުނެފައި ވެއެވެ.

"އަހަރެންގެ ކްލައިންޓް ބައްޕަ، އޭނާ ބޭނުންވާ މީހާއާ ކައިވެނި ކުރަން ހުއްދަ ނުދިނީ ބަލައިގަނެވޭނެ ފަދަ އުޒުރަކާއި ލައިގެން ނޫން".

ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާގޮތުން، އެ ކައިވެންޏަށް ބައްޕަ ނުގަބޫލުވި އެއް ސަބަބު ކަމަށް ވަނީ އޭނާގެ ދަރިފުޅު ކައިވެނި ކުރަން އުޅޭ ފިރިހެން މީހާގެ މަންމައަކީ އެ މީހުންގެ ދީނާއި ތަފާތު ދީނަކަށް ތަބާވާ މީހަކަށް ވުމެވެ.