މެލޭޝިއާގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ފުލުހުން ޓެކްނޮލޮޖީގެ ބޭނުން ހިފަން ފަށައިފިއެވެ. އެގޮތުން ފުލުހުން ވަނީ ޑްރޯން ބޭނުންކޮށްގެން އާންމުން އެއްވެ އުޅޭ ތަންތަނުގައި ތިބޭ މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަން ފަށައިފައެވެ.

ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށް މެލޭޝިއާ ފުލުހުން ބޭނުންކުރަމުންދާ ޑްރޯން އަކީ ބިމުން 20 މީޓަރު މަތިން ދަތުރުކުރަމުން ވެސް ހަށިގަނޑުގެ ފިނިހޫނުމިން ދެނެގަންނަ ޑްރޯންއެކެވެ.

ޑްރޯން ދަތުރުކުރަމުން ގޮސް ފިނިހޫނުމިން ވަކި ވަރަކަށް ވުރެ މަތިވެފައިވާ މީހެއް ޑިޓެކްޓް ވުމުން ރަތް ކުލައިގެ ބޮކި ދިއްލި، އެލާޓެއް އަޅައެވެ. މި ޓެކްނޮލޮޖީ ބޭނުންކުރަން ފަށާފައިވަނީ އެގައުމުގައި ކޮވިޑް ފެތުރެމުންދަނީ އެއްތާވި ބައެއް ނޭނގިގެން ކަމަށް ހެލްތް ޑިރެކްޓަރ ޖެނެރަލް ވިދާޅުވުމާ ގުޅިގެންނެވެ.

ޑްރޯން ބޭނުންކުރަމުންދަނީ ގައުމުގެ ބޮޑު ސަރަހައްދެއް ފުލުހުންނަށް ބެލެހެއްޓޭނެކަން ކަށަވަރު ކުރުމަށެވެ.

"އެބަތިބި 57 މޮނިޓަރިންގް ޓީމް. އެމީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރާނެ. އެމީހުންނަށް އެއްފަހަރާ ހުރިހާ ސަރަހައްދެއް ބެލޭ. ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން އާންމުން އެއްވެ އުޅޭ ތަނަކުން ފެނުނަސް ދެނެގަނެވިފައިނުވާ ފަހަރު އާދޭ" ޑްރޯން ބޭނުންކުރަން ފެށި ސަބަބު އޮޅުން ފިލުވައިދެމުން ފުލުހުން ބުނެފައިވެއެވެ.

މެލޭޝިއާގައި ކޮވިޑް ވޭދަނަތައް އިތުރުވަމުންދާތީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އެގައުމުން މިހާތަނަށް 617،000 މީހަކަށް ބަލި ޖެހިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3،378 އަށް އަރައިފައެވެ.