މިޔަންމާގައި ގިނަ އަދަދެއްގެ ބަޔަކު ބަނޑުހައި ހޫނުކަމާއި ބަލިތަކުގެ ސަބަބުން މަރުވެދާނެ ކަމަށް އދ. ގެ ތަޖުރިބާކާރުން އިންޒާރު ދީފިއެވެ.

އދ. އިން މި އިންޒާރު ދީފައިވަނީ މިޔަންމާގެ ކަޔާހް ސްޓޭޓުގައި އަސްކަރީ ސިފައިންގެ ހަމަލާތައް އަމާޒުވަމުންދާތީ ގެދޮރު ދޫކޮށް ލައްކައެއްހާ މީހުން އެހެން ސަރަހައްދުތަކަށް ހިޖުރަ ކުރުމާ ގުޅިގެންނެވެ.

އދ. އިން މިޔަންމާއަށް ހާއްސަ ކޮށްފައި ހުރި ރިޕޯޓަ ޓޮމް އެންޑްރިއުސް ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން އަސްކަރީ ސިފައިން ގައުމާއި ހަވާލުވެ، ވެރިކަން ކުރަން ފެށި ހިސާބުން ރައްޔިތުންނަށް އަނިޔާތަކެއް ދެމުން ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު މަރާލައިފައިވާ ކަމަށެވެ.

އޭގެ އިތުރުން ބަނޑުހައި ހޫނުކަން އިތުރަށް ތަހައްމަލް ނުކުރެވިގެންނާއި، ބަލިމަޑުކަމުގެ ސަބަބުން ގިނަ ބަޔަކު މަރުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެންޑްރިއުސް ގޮވާލައިފައިވެއެވެ.

ކަޔާހް ސްޓޭޓުގެ ލައްކައެއްހައި މީހުން އެމީހުންގެ ގެދޮރު ދޫކޮށް ދިރިއުޅުން އެކި ތަންތަނަށް ބަދަލުކޮށްފައިވާ އިރު، މަގުމަތިވެފައިވާ މީހުންނާއި ޖަންގަލީގައި ދިިރިއުޅެމުންދާ މީހުން މަދެއް ނޫނެވެ.

އދ. އިން ބުނީ ކަޔާހް ސްޓޭޓުގައި އަސްކަރީ ފައުޖުތަކުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލި، ކާބޯތަކެއްޗާއި ފެނަށް ޖެހިފައިވާ ކަމަށާއި ސިއްހީ ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ފެބްރުއަރީ މަހު މިޔަންމާގެ ވެރިކަން އަސްކަރީ ސިފައިންނަށް ލިބުނު ހިސާބުން އެގައުމުގެ ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ރޫޅާލުމަށް ސިފައިން ބާރުގެ ބޭނުން ކުރަމުންދާކަމަށް ތަކުރާރުކޮށް އިންސާނީ ހައްގުތައް ހޯދަން ވަކާލާތުކުރާ މީހުން ދަނީ ގޮވަމުންނެވެ. އެ ގުރޫޕުތަކުން ބުނާ ގޮތުން އަސްކަރީ ފައުޖުތަކުން މިހާތަނަށް 849 މީހަކު މަރާލައިފައިވާއިރު، 5،800 މީހުން ބަންދުކޮށްފައިވެއެވެ.